ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ބައްދަލުވާ، ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ. އަދި މުވައްޒަފަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމނޭ ގޮތަށް ވެކްސިންޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދިފައިވެ އެވެ.

އެ ފުރުސަތު ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ހޮޓެލްތަކާއި ސަފާރީތަކުގެ މުވައްޒަފުންނަށް ވަނީ ހުޅުވާލާފަ އެވެ.

ރަޖިސްޓްރީވާން ފުރިހަމަކުރަން ޖެހޭ މައުލޫމާތުވެސް އެ ސާކިއުލާގައި ހިމަނާފައިވެ އެވެ. ބިދޭސީ މުވައްޒަފެއް ނަމަ، ޕާސްޕޯޓް ނަންބަރު ހިމަނަން މަޖުބޫރުވާނެ އެވެ. އަދި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ ނުވަވަނަ ދުވަހަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ މާދަމާ ދޭން ފަށާ ވެކްސިންގެ ބެޗުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ 10،000 މުވައްޒަފުން ހިމެނޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ދޭން ފެށީ މި މަހުގެ ފުރަތަމަ ދުވަހުގަ އެވެ. ފުރަތަމަ ދެ ދުވަހު ޖުމުލަ 880 މީހުންނަށް ވެކްސިން ދީފައިވެ އެވެ.