03 Feb 2021, 17:27
ނިޔުޔޯކް (ފެބްރުއަރީ 3) : މިޔަންމާގެ ސިފައިން އެގައުމުގެ ސްޓޭޓް ކައުންސެލާ (ބޮޑުވަޒީރު) އާންގް ސަން ސޫ ޗީ ހައްޔަރުކޮށް އިންގިލާބަކުން އެގައުމުގެ މަދަނީ ވެރިކަން ބަދަލުކޮށްލި މައްސަލަ ކުށްވެރި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތް އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.
އދ. ގެ ދާއިރާތައް ބުނާގޮތުން މިޔަންމާގެ އަސްކަރީ އިންގިލާބު ކުށްވެރިކޮށް އެކަމުގެ ފަހަތުގައިވާ މިޔަންމާގެ އަސްކަރީ ވެރިންނަށް އިންޒާރު ދިނުމަށް ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް އިނގިރޭސިވިލާތާއި އެމެރިކާކުރި މަސައްކަތަށް ހުރަސްއެޅީ ރަޝިއާއާއި ޗައިނާއެވެ. ރަޝިއާއާއި ޗައިނާއިން އެބަޔާނާ ދެކޮޅުހެދީ މިޔަންމާގެ އަސްކަރީ އިންގިލާބަކީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް ނުރައްކާވާ ކަމެއްނޫންކަމާއި އެއީ މިޔަންމާގެ ދާޚިލީ ކަމެއްކަމަށް ބުނެއެވެ.
ސަލާމަތީ މަޖިލީހުން ގަގާރުތައް ފާސްކޮށް ބަޔާންތައް ނެރެވޭނީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް ނުރައްކާވާ މައްސަލަތަކާއި އިންސާނީ ހައްގުތަކަށް ނުރައްކާވާ މައްސަލަތަކުގައެވެ. ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ އިޚްތިސާސް ސަލާމަތީ މަޖިލީހަށް ލިބިގެނެއް ނުވެއެވެ. އަދި އދ. ގެ އެއްވެސް ގުނަވަނަކަށްވެސް މިއިޚްތިސާސް ލިބިގެނެއް ނުވެއެވެ.
މިޔަންމާގެ އިންގިލާބުސަލާމަތީ މަޖިލީހުން ކުށްވެރިކުރުމުގައި ނާކާމިޔާބުވުމުން އެމެރިކާވަނީ މިޔަންމާގެ އިންގިލާބީ ސަރުކާރާ ދެކޮޅަށް އެމެރިކާ އަމިއްލައަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް މިޔަންމާގެ އިންގިލާބީ ސަރުކާރާ ދެކޮޅަށް އަޅާނީ ކޮންފިޔަވަޅުތަކެއްކަން އެމެރިކާ އަދި ހާމަކޮށްފައެއް ނުވެއެވެ.
ވައިޓް ހައުސްއިންވަނީ މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ކުރީގެ ސްޓޭޓް ކައުންސެލާ (ބޮޑުވަޒީރު) އާންގް ސަން ސޫ ޗީ އާއި އެގައުމުގެ ރައީސް ވިން މިޔިންޓް އާއި އިންގިލާބާ ގުޅިގެން ހައްޔަރުކުރި އެގައުމުގެ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަންކޮށް އެބޭފުޅުންނާ ވެރިކަން ހަވާލުކުރުމަށް މިޔަންމާގެ ސިފައިންނަށް ގޮވާލާފައެވެ. އެމެރިކާގެ މިގޮވާލުމަށް މިޔަންމާގެ އިންގިލާބީ ވެރިންވަނީ ބީރު ކަންފަތެއް ދެއްވާފައެވެ.
މިޔަންމާގެ އިންގިލާބީ ވެރިންވަނީ އެގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް އެއް އަހަރުތެރޭގައި އަލުން އިންތިޚާބެއް ބާއްވައިގެން އެއިންތިޚާބު ކާމިޔާބުކުރާ ފަރާތަކާ ވެރިކަން ހަވާލުކުރާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
މިޔަންމާގެ ސިފައިން މިދިޔަ ހޯމަދުވަހު އެގައުމަށް އިންގިލާބެއް ގެނަސް ވެރިކަން ބަދަލުކޮށްފައިމިވަނީ އިންފާއިތުވި ނޮވެންބަރުމަހު ބޭއްވި އާންމު އިންތިޚާބުގައި ކުރީގެ ސްޓޭޓް ކައުންސެލާ ސޫޗީގެ ސަރުކާރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން މަކަރުހަދައި އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް ދަސްތޫރު ހިމާޔަތް ކުރުމުގެ ނަމުގައެވެ. ގައުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ވަގުތުތަކުގައި ދަސްތޫރާއި ރައްޔިތުންގެ ހިމާޔަތުގައި ވެރިކަމާ ހަވާލުވުމުގެ ހަނި ބާރެއް މިޔަންމާގެ ގާނޫނު އަސާސީގައި އެގައުމުގެ ސިފައިންނަށް ލިބިދީފައިވެއެވެ.
ނަމަވެސް ސިފައިން ސޫޗީގެ ސަރުކާރު ވައްޓާލައި އިންގިލާބެއް ގެނަސްފައިމިވަނީ ދަސްތޫރުގައި މިބުނާ ހާލަތުގައިތޯ ނުވަތަ ނޫންތޯވަނީ ސުވާލު އުފެދިފައެވެ. (ނޫސްއެޖެންސީތައް)