މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކުރުމާއެކު އެފްއެސްއެމްގެ ތެޔޮ ޝެޑުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެފްއެސްއެމްއިން ބުނީ އައިޖީއެމްއެޗް ކައިރި ހުންނަ ޝެޑާއި ކާނިވަލް ކައިރި ހުންނަ ޝެޑު އަދި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޝެޑު ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 8:30 އާ ހަމައަށް ކަމަށެވެ.

ސްޓެލްކޯ ކައިރީގައި ހުންނަ އީޒީފިލް އެކެއް އަދި ހުޅުމާލޭގައި ހުންނަ އީޒީފިލް ތިނެއް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އާ ހަމައަށެވެ.

ތިލަފުށީގައި ހުންނަ އެފްއެސްއެމްގެ ސޭލްސް ޕޮއިންޓުން ހިދުމަތް ލިބޭނީ ހެނދުނު 8:30އިން ރޭގަނޑު 9:00އާ ދެމެދުގަ އެވެ. އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ފެންނަ ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ދެ ހަފުތާއަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން އެޗްއީއޯސީއިން ވަނީ ނިންމާފަ އެވެ.

އެގޮތުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 8:30 އިން ފަތިހު 4:30އަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެ އެވެ.