ކޮވިޑް19އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ޖިމްތައް ބަންދު ނުކުރާނެ ކަމަށާއި އެތަންތަނުގައި ވަކިން ކަސްރަތު ކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީވެ، ބަލި ކޮންޓްރޯލް ކުުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ވަކިން ކުރެވޭ ކަސްރަތުތައް ފިޔަވާ ހުރިހާ ކުޅިވަރު ހަރަކާތްތައް މަނާކޮށްފަ އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮލިސް ސުޕްރިޑެންޓް ހުސައިން ސަމީރު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ޖިމްތައް ހުޅުވުމަށް ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ޖިމްތަކުގައި ގުރޫޕު ކަސްރަތުތައް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިމްތަކުގައިވެސް ގުރޫޕް ކަސްރަތުތައް ފިޔަވައި، ވަކިން ކަސްރަތު ކުރުމަށް ހުއްދަ ދެވެނީ،" ސަމީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެޗްއީއޯސީ

ޖިމްތައް ބަންދު ނުކުރި ނަމަވެސް މިއަދުން ފެށިގެން ޕާކްތަކާއި މައިޒާންތައް މީހުން ޒިޔާރަތް ކުުރުން އޮތީ މަނާކޮށްފަ އެވެ. އަދި ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ހުރަހެއް ނެތެވެ.

ކޮވިޑް19 އާއި ގުޅިގެން ޖިމްތައް އެންމެ ފުރަތަމަ ބަންދުކުރީ މިދިޔަ މާޗު 29 ވަނަ ދުވަހު އެވެ. ފުރަބްނަދަށް ދިން ލުއިތަކާއެކު، ޖިމްތައް ހާއްސަ އިންތިޒާމްގެ ދަށުން ހުޅުވުމުގެ ހުއްދަ ދިނީ ޖުލައި މަހުން ފެށިގެންނެވެ.