ޖިއްދާ (ފެބްރުއަރީ 3): ސައުދީ އަރަބިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި 20 ގައުމަކުން މީހުން އެގައުމަށް ދިޔުން މަނާކޮށްފި އެވެ.

ސައުދީ އަރަބިއާއިން މިއަދުން ފެށިގެން އެގައުމަށް ދިޔުން މަނާކޮށްފައި ވަނީ ޔޫއޭއީ، މިސްރު، ލުބުނާން، ތުރުކީ، އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، އިޓަލީ، އަޔަލޭންޑް، ޕޯޗުގަލް، ސްވިޒަލޭންޑް، ސްވިޑެން، ބްރެޒިލް، އާޖެންޓީނާ، ދެކުނު އެފްރިކާ، އިންޑިއާ، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ޖަޕާންއިން ދާ މީހުންނެވެ. އަދި ސައުދީ އަރަބިއާއަށް ދިޔުމުގެ 14 ދުވަސް ކުރިން އެ 20 ގައުމުގައި ޓްރާންޒިޓް ކުރި މީހުންވެސް ދެން ސައުދީއަށް ދިޔުން މަނާ ވާނެ އެވެ.

ނަމަވެސް އެގައުމުތަކުންދާ ޑިޕްލޮމެޓުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގަވާއިދުން އިސްތިސްނާ ވާނެ އެވެ.

ސައުދީން އެ ފިޔަަވަޅުތައް އެޅީ އެގައުމުގައި ކޮންމެ ދުވަހަކު އަލަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވި ފަހުންނެވެ. އެގޮތުން އިއްޔެ އެގައުމުގައި 310 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު އެއީ ފާއިތުވި ދެ މަސް ތެރޭ އެގައުމުގައި އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ސައުދީގައި މިހާތަނަށް 369،000 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 6,383 މީހަކު ވަނީ މަރުވެފަ އެވެ.

ސައުދީން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމު ފުރަތަމަ ބަންދު ކުރީ މިދިޔަ އަހަރުގެ މާޗް 21އިގަ އެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ބައެއް ބައިނަލްއަގުވާމީ ދަތުރުތައް ފެށި ނަމަވެސް ކޮވިޑުގެ އާ ވޭރިއެންޓެއް ފެތުރެން ފެށުމުން މިިދިޔަ ޑިސެމްބަރު މަހު އެގައުމުގެ ބޯޑަރުތައް އަނެއްކާވެސް ބަންދު ކުރި އެވެ. އެއަށް ފަހު އެގައުމު އަލުން ހުޅުވާލި އޭގެ ދެ ހަފްތާ ފަހުންނެވެ.