ވަތަން އެދެނީ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ކަމަށް ބުނެ އެ ވެރިކަން ބަދަލުކޮށް ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދިނީ ވަތަން އެދޭ ގޮތަށް ވެރިކަން ހިންގުމަށެވެ. ދެން ފެނުނީ ވަތަން އެދޭ އިއްތިހާދު ރޫޅި މަންޒަރު ބަދަލުވެލާފަ ވެސް ކޮށްފައި ނުވާ އެތައް ކަމެއް ފެންމަތިވާން ފެށުމެވެ. އެންމެ ފަހުން އައި ކަމަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލުމެވެ. އެ ހިސާބުން ފެށިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ މާލޭގައި ކޮންމެ ރެއަކުމެ މުޒާހަރާކޮށް ވަތަން އެދެނީ އަނެއްކާވެސް ބަދަލަކަށް ކަމަށް ބުނަމުންނެވެ. ސަރުކާރުގެ ތެރޭގައި ހުންނަވާފައި ޝުއޫރުތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެއް ބޭފުޅަކީ ހައްގަށް ވާހަކަ ދެއްކެވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން މި ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ފާތުމަތު ދިޔާނާ އެވެ.

އިދިކޮޅު ފަރާތްތަކުން ބަދަލަކަށް އެދި މާލޭގައި އަޑުހަރުކޮށް ޝުއޫރު ފާޅުކުރާތާ ދެ ހަފުތާވެގެން ދިޔައީ އެވެ. ކޮންމެ ރެއަކު މުޒާހަރާގަ އެވެ. މުޒާހަރާތަކުގައި ކޮންމެ ރެއަކު މީހުން ހައްޔަރު ކުރާއިރު މިހާތަނަށް އެންމެ ތަފާތު ގޮތަކަށް ހައްޔަރު ކުރީ މި ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު އަދި މި ސަރުކާރުގެ ހެވަތުގައި ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވަޑައިގެންނެވި ފާތުމަތު ދިޔާނާ އެވެ.

ދިޔާނާ ވިދާޅުވީ ޖުމްހޫރީ މައިދާނުން އޭނާ "އުފުރާލި" ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވަން އަދި ވެސް މުޒާހަރާއަށް ވަޑައިގެންނަވާނެ ކަމަށެވެ.

"އަދިވެސް މުޒާހާރާއަށް ދާނަން. މިސަރުކާރު ޒިންމާދާރު ކުރުވަން ފުރޮޅެން އޮތް ހުރިހާ ގަލެއް ފުރޮޅާނާން،" ދިޔާނާ ވިދާޅުވި އެވެ. ގާނޫނީ ވަކީލު، ދިޔާނާ އެހެން ވާހަކަފުޅެއް ވެސް ވިދާޅުވެ އެވެ. އެކަމަނާ ވިދާޅުވީ ސާކްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވިއިރު ބޭރުގެ ފަރާތްތަކައި ޑިޕްލޮމޭޓުންނާއެކު ގާއިމްކުރައްވާފައިވާ ޑިޕްލޮމެޓިކް ގުޅުންތަކުގެ ބޭނުން މިހާތަނަށް ހިއްޕަވާފައި ނުވިޔަސް ގާޒީ، އަބްދުﷲ "ގެއްލުވާލި" މައްސަލާގައި އެ ގުޅުންތަކުގެ ބޭނުން ފިސާރި ރަނގަޅަށް ހިއްޕަވާނެ ކަމަށެވެ.

"ގާނޫނު އަސާސީއާ ގަވާއިދުތަކާ އެއްގޮތަށް ވެރިކަން ކުރައްވަން ރައީސް ނަޝީދާ ވެރިކަން ހަވާލުކުރީ. އެކަން އަނިޔާވެރި ގޮތަކަށް ބިރުދައްކައިގެން ކުރަން އުޅޭ ކަމުގައިވާނަމަ އަދިވެސް އަޅުގަނޑު މުޒާހަރާއަށް ދާނަން. ރޭގައި ހިނގައިދިޔަ އަނިޔާވެރިކަންތައްތަކުގެ ސަބަބުން އަޅުގަނޑަށް ގަބޫލުކުރެވިއްޖެ އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ ގަލެއް ފުރޮޅަން ވެއްޖެކަން،" ދިޔާނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އޭނާއާއެކު ސުލްހަވެރިކަމާއެކު ޖުމްހޫރީ މައިދާނުގައި ތިއްބެވި ނުވަ އަންހެނަކު ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ދުނިޔޭގެ ބޮޑެތި މުޖިރިމުން ހައްޔަރުކޮށްގެން ގެންދާ އުސޫލަށްވުރެ ވެސް އަނިޔާވެރިކޮށް ކަމަށާއި އޭގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެކިތަންތަނުން ހަން މަށައިގެން ގޮސްފައިވާއިރު ކަނާތުގެ ކުޑަ ހުޅަށާއި ބޮޑުވާ އިނގިއްޔާއި ވާއަތުގެ ހުޅުތަކުގައި އަނިޔާވެ ރިހުން ގަދަވެފައިވާ ކަމަށެވެ.

"ރިހުން އެބަހުރި!" އެކަމަނާ ވިދާޅުވި އެވެ.

ސްޓާފޯސް ފުލުހުން ދިޔާނާއާ އޭނާގެ އެކުވެރިން "ކިހިލި ޖަހާލައިގެން" ބަންދު ވެހިކަލަށް އަރުވަން އުޅުނު އިރު ދިޔާނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ އެވެ. އެކަމަނާ ވިދާޅުވީ ދެކޮޅު ހެއްދެވީ ފުލުހުން ގެނައި ވެހިކަލްގެ ތެރެއަށް ކުރިޔާލާ ވަރަށް ބޮޑަށް ޕެޕާސްޕްރޭ ޖަހައި އަންހެނުންތަކަކާ ދެކޮޅަށް ދުރާލައި ބާރުގެ ބޭނުން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ ކަމަށާއި ފުލުހުން އެކަން ކޮށްފައިވަނީ ވެސް އެހެން ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބަންދުކަން ބޮޑު ދަގަނޑު ކޮންޓޭނަރެއް ފާޑުގެ އެއްޗަކަށް ލައި ތަޅު އަޅުވައިގެން އަޅުގަނޑުމެން ގެންދިޔައީ ވަރަށް އަނިޔާވެރި ގޮތަކަށް. އެމީހުން އަޅުގަނޑުމެން ގެންދިޔައީ ދުނިޔޭގެ ބޮޑެތި މުޖުރިމުން ގެންދާ އުސޫލުން. އޭގެ ތެރެއަށް ޕެޕާސްޕްރޭ ވެސް ޖަހާފައި ހުރީ. އެކަން ކުރިން އަޅުގަނޑަށް އެނގޭތީ އެއަށް ނާރަން ވެސް މަސައްކަތް ކުރީ،" ދިޔާނާ ވިދާޅުވި އެވެ.

މިސަރުކާރާ އެކު ކުރިން ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާގެ އަނބިކަނބަލުން ދިޔާނާ ސައީދު އެކަމަނާ "ލުހެލި" ހާދިސާގެ ތެރޭގައި ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅިގެން ފުލުހުންގެ އިދާރާގެ މައްޗަށް ފިޔަވަޅު އަޅަން އޭނާގެ އާއިލާއާ ފިރިކަލުން ޖާބިރު ވެސް އެދިވަޑައިގެންނަވާ ކަމަށެވެ. އެ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އިދިކޮޅުގެ ފަރާތްތަކުން އެމްއެމްއޭ ސަރަހައްދުގައި ކޮންމެ ރެއަކު ކުރާ މުޒާހަރާތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުރިން ވެސް ވަނީ ދިޔާނާ ހައްޔަރުކޮށްފަ އެވެ. ހަމަ ޖުމްހޫރީ މައިދާނުގައި އިންނަވަނިކޮށެވެ. އޭނާ މިވަގުތު ވެސް އިންނެވީ ވަތަން އެދޭ ޝުއޫރުތައް ފާޅުކުރަން އިދިކޮޅު ފަރާތްތަކާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގަންނަވާ ގޮތަށެވެ.