03 Feb 2021, 13:30
މިހާރު ކުރިއަށްދާ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ މުބާރާތް، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.
އެފްއޭއެމުން މިއަދު ބުނީ، ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. ލީގު މިއަދު ފަސް ކުރަން ނިންމި އިރު، ލީގުގެ ދެވަނަ ބުރުގެ ދެ މެޗެއް އޮތީ މިއަދަށް ތާވަލުކޮށްފަ އެވެ. އެއީ މިއަދު ހަވީރު އީގަލްސްއާއި، ސުޕަ ޔުނައިޓެޑް ބައްދަލު ކުރާ މެޗާއި، މިރޭ ޔުނައިޓެޑް ވިކްޓަރީ އަދި ގްރީންސްޓްރީޓްސް ބައްދަލު ކުރާ މެޗެވެ.
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އިއްޔެ "ސަން" އަށް ވިދާޅުވީ، ލީގު ކުރިއަށް ގެންދެވޭތޯ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެކަމާ ގުޅޭގޮތުން މިނިސްޓްރީ ލެވެލްގައި ވެސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމުން، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާއަށް ގްރޫޕް ކަސްރަތު އަދި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ އިއްޔެ އެވެ.
ކޮވިޑްގެ ސަބަބުން ކުރީ ސީޒަނުގެ ވަކި ހިސާބަކުން ފުޓުބޯޅަ ސީޒަން އެފްއޭއެމުން ވަނީ ކެންސަލް ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހަށް ތާވަލު ކުރި މިފަހަރުގެ ސީޒަން ފެށުން ތިން ފަހަރެއްގެ މަތިން ފަސްވެގެން ގޮސް ލީގު ފެށޭވަރުވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ލީގަށް ތައްޔާރުވާން ފެށި އިރު، އެޗްޕީއޭއިން ހަމައެކަނި ހުއްދަ ދީފައި އޮތީ ފުރަތަމަ ޑިވިޝަންގެ ޕްރެކްޓިސްތައް އެކަނި ކުރުމަށެވެ. އަދި އެ ޕްރެކްޓިސްތައް ވެސް ހާއްސަ ގައިޑްލައިންތަކެއްގެ ދަށުން އޭރު ކުރި ނަމަވެސް ފަހުން އެ ގައިޑްލައިންތަކަށް ކުލަބުތަކުން އަމަލުކުރަމުން ގޮސްފައެއް ނުވެ އެވެ.