ރާއްޖޭގެ 19 ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރަން ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފި އެވެ.

މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް ކުންފުންޏާ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު މަރިޔަމް މުހައްމަދު ޒަކީ އެވެ. އަދި އީޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރު އެވެ.

މި އެއްބަސްވުމުގެ ދަށުން އއ. މަތިވެރި، އއ. ހިމަންދޫ، އދ. ކުނބުރުދޫ، ދ. ބަނޑިދޫ، ދ. ހުޅުދެލި، މ. ނާލާފުށި، މ. ވޭވަށް، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ދިޔަމިގިލި، ތ. ގާދިއްފުށި، ށ. ފޯކައިދޫ، ގއ. މާމެންދޫ، ގއ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ، ގދ. ރަތަފަންދޫ، ގދ. ނަޑެއްލާ އަދި ގދ.ހޯޑެއްދޫގެ ފެން ފަށަލައިގެ ދިރާސާތަކާއި ފެންފަށަލަ އިޔާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަސައްކަތް ކުރުމަށް ރިއަން އަދި އިޕޮކްއާ ހަވާލުކުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގަކީ 7.2 މިލިއަން ރުފިޔާ އެވެ. އަދި މި މަސައްކަތް ނިންމުމަށް ހުށައަޅާފައިވާ މުއްދަތަކީ ސޮއިކުރާ ތާރީހުން ފެށިގެން ނުވަ މަސް ދުވަހެވެ.

ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓަކީ 2017ގެ މެއި 9ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކައް ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި ފެނުގެ ފަށަލަ ދިރާސާކޮށް މޮނީޓަރު ކުރުމާއި ހޫނު މޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުން ހިމެނެ އެވެ.

ހަމައެއާއެކު މި ދާއިރާއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެކުލާވާލުން ފަދަ މަސައްކަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.