ކޮވިޑް-19އިން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން ވެކްސިން ޖެހުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އިންޑިއާއިން ހަދިޔާ ކުރި ވެކްސިން ދޭން ފަށާފައިވާއިރު، އެ ވެކްސިންއާ މެދު ޝައްކު އުފައްދައި ވެކްސިން ޖެހުމާ މީހުން ދުރު ކުރަން ބައެއް މީހުން މަސައްކަތްކޮށްފައިވެ އެވެ.

ވެކްސިން ޖެއްސެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ބަލިތަކުން ރައްކާތެރިވުުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް. އެއީ ތިމާއާއި ތިމާގެ އާއިލާއާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

ޑރ. ޝަހީމްވެސް މިއަދު ވަނީ ވެކްސިން ޖެހުމަށް ގޮވާލައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި އެއް މަގުސަދަކީ ފުރާނަ ސަލާމަތްކުރުންކަމަށްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޟަރޫރީ ކަމެއް ކަމަށެވެ.

"އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި އެއް މަގުސަދަކީ ފުރާނަ ސަލާމަތްކުރުންކަމުގައި ވީ ހިނދު، ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުއީ މަގުސަދުތަކުގެ ނަޒަރުން ބަލާއިރު ޟަރޫރީ ކަމެއް،"

އޭނާ އިތުރަށް ވިދާޅުވީ، ﷲ ގެ ހަޒުރަތަށް ވަކީލުކޮށް، ސިއްހީ މާހިރުންނަށް އިތުބާރުކޮށް، ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެން ކޮވިޑް-19އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމައަށް ހޯދައިދެވޭނެ ރައްކާތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ގައުމަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެންމެން އެކީ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވަނީ 880 މީހުންނެވެ.