މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން މީހަކު ގެންދިޔުމަށް ފަހު ބަރަހަނާކޮށް، ބިރު ދެއްކުމަށް ފަހު ފޭރިގެންފި އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ތުހުމަތު ކުރެވެނީ އެ އަންހެން މީހާއި އިތުރު ދެމީހަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، މިދިޔަ މަހު 23 ވަނަ ދުވަހު ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަަށް އަންހެނަކާ ބަދަލުކުުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާތަކެއް ފޭރިގެންފައިވާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަތުމަށްފަހު އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނެގުމަށްފަހު، އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބިރުދައްކައި ބްލެކް މެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންފަރކުރުވާފައިވާ މައްސަލައެއް ހުށަހެޅިފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ އަތުން ފޭރިގަތީ ކިހާ އަދަދެެއްގެ ފައިސާކަމެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ކިޑްނެޕްކުރުމާއި އޮރިޔާންކާޑު އުފެއްދުމާއި ބިރުދެއްކުން އަދި ބެލްކެމެއިލް ކުރުމެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ، އުމުރުން 39 އަހަރު، އެތުމާގެ/ގދ. ގައްދޫ، އާއިޝަތު ނަޡުމާ އާއި އުމުރުން 27 އަހަރު، ކުރިކީލަގެ/ހދ. ނޭކުރެންދޫ، އަބްދުﷲ ޒައިން އަދި އުމުރުން 33 އަހަރުގެ، ކަންމަތީގެ/ށ. ފޯކައިދޫ، ހަސަން މޫސާ އެވެ.

އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން، ކޯޓުން ވަނީ އެމީހުން ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތަަށްކަމަށް ކަނޑައަޅައި، 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް އަމުރު ނެރެފަ އެވެ.