އަސްކަރިއްޔާ އިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލުމާ ގުޅިގެން މާލޭގައި ބާއްވާ އެއްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެ ފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފު ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ދަށުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރަކު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ތޮލްހަތާއި އަފީފުގެ އިތުރުން ތިން ބޭފުޅަކު ކޮމެޓީ އަށް ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދާއި އެ ކޮމިޝަންގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޑރ. އަފްރާޝީމް އާއި އައިޝަތު ވެލްޒިނީ އެވެ. އެބޭފުޅުން ހާޒިރު ކުރަން ނިންމީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ އަށް މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ތިން މެންބަރުންގެ ތެރޭގައި ހިމެނޭ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު ވިދާޅުވި އިޖުތިމާއީ އަދުލުގެ ނިޒާމް ހަލާކުވެ، ގައުމުގެ އާއްމު މަސްލަހަތު ގެއްލި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވުންތަކެއް މާލޭގައި މެދުނުކެނޑި ބާއްވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ އެމްޑީޕީ ވެސް އެއްވުންތައްކަށް ނުކުތީ ރާއްޖޭގެ އަދުލުގެ ނިޒާމްގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށްވާތީ އެކަމާ ގުޅުން ހުރި ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ތާރިގު ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީ އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތާރިގާއި ރީކޯ މޫސަ މަނިކާއި މުހައްމަދު ރިޔާޒް ސޮއިކޮށް ހުށަހެޅުއްވި މައްސަލާގައި ކޮމެޓީން މިއަދު ގޮތެއް ނިންމަވާފައިވާ އިރު، އަބްދުﷲ ގާޒީގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ސަލާމަތީ ބާރުތައް ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހެޅި މައްސަލަ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވަނީ ބާތިލް ކުރައްވައިފަ އެވެ.