04 Feb 2021, 09:06
މިސްރުގެ އާކިއޮލޮޖިސްޓުންގެ ޓީމަކަށް 2000 އަހަރުވީ ގަބުރަކުން ރަން ދުލެއް ފެނިއްޖެ އެވެ. މި ގަބުރު ފެނިފައިވަނީ މިސްރުގެ އެލެކްސެންޑްރިއާގެ ޓެޕޯސިރިސް މެގްނާ ޓެމްޕަލް ނަމަކަށް ކިޔާ ތަނަކުންނެވެ. މިތަނުގެ އެތެރޭގައި 16 ޒިޔާރަތެއް ހުރިއިރު ފެނުނު ގަބުރުތައް ހުރީ ވަރަށް އާދައިގެ ގޮތަކަށް ރައްކާކޮށްފައިކަމަށް ޓީމުގެ ފަރާތުން ބުންޏެވެ.
މި ގަބުރުތައް ނިސްބަތްވާ ކަމަށް ބެލެވެނީ ގްރީކް އަދި ރޯމަނުންގެ ދުވަސްވަރަށެވެ.
މަރުވުމަށްފަހު އޮންނަ ދުނިޔެއަށްޓަކައި މިފަދައިން ހަށިގަނޑު ރައްކާކުރުމަކީ ގަދީމީ މިސްރުގެ ހަޟާރާތުގައި ކުރެވޭ ކަމަކަށްވާއިރު މި ރަން ދޫވެސް ގުޅިފައިވަނީ މި ބޭނުމާ އެވެ. ގަބުރުތައް ފެނުމާއި ގުޅިގެން މިސްރުގެ ކަމާއި ބެހޭ މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ރަން ދުލުގެ ބޭނުމަކީ މަރުވުމަށްފަހު އޮންނަ ހަޔާތުގައި އެމީހުންގެ ކަލާންގެ ކުރިމަތީގައި ޖަވާބުދާރީވުމެވެ.
މިސްރުގެ އެންޓިކްސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޚާލިދު އަބޫ އަލް ހަމްދު ވިދާޅުވިގޮތުގައި ގަބުރުތައް ފެނުނުތަނުންވަނީ އެ ދުވަސްވަރަށް ނިސްބަތްވާ ގިނަ އަދަދެއްގެ މައުދަނާއި، ފައިސާ އަދި ރަން ފެނިފަ އެވެ. އަދި އަންހެނެއްގެ ފިއުނަރަލް މާސްކެއްވެސް މިތަނުން ފެނިފައިވެ އެވެ.
ލޯ ފައިސާތަކުގައި މިސްރުގެ ރަސްކަންކުރެއްވި ކްލިއޯޕެޓްރާ 7 ގެ ސިއްކަ ހުރިއިރު އޭނާއަކީ މިސްރު ރޯމަނުންގެ އަތްދަށަށް ދިއުމުގެ ކުރިން ރަސްކަން ކުރެއްވި އެންމެ ފަހު ރާނީ އެވެ.
މިސްރާއި ޑޮމިނިކަން ރިޕަބްލިކަށް ނިސްބަަތްވާ އާކިއޮލޮޖިސްޓުންގެ ޓީމުން ބުނާގޮތުގައި ރަން ދޫ ނިސްބަތްވަނީ ފިރިހެނަކަށެވެ.

އެ ސަރަހައްދުން ފެނުނު އިތުރު ގަބުރެއް
މިތަނުން ފެނުނު އިތުރު އަންހެން ގަބުރުގެ ހަށިގަނޑު ނިވާވާހެން އޭނާގެ އަށް ނިސްބަތްވާ ކުރެހުމެއް ހެން ގަލުގައި ކަނޑާނަގައިން ތައްޔާރުކުރެވިފައިވާއިރު ތާޖަކާއި ހަރުފައެއްވެސް ފެންނަން ހުއްޓެވެ. އަދި ހާރެއްވެސް ކުރެހިފައިވާއިރު މިއިން ރަމްޒުކޮށްދެނީ އޭނާގެ ހައިބަތާއި މުހިންމުކަންކަމަށް ޢާކިއޮލޮޖިސްޓުންގެ ޓީމުން ބުނެ އެވެ.
އަދި އިތުރު ދެ ގަބުރެއްގެ ކައިރީގައި ފަތްކޮޅުތަކެއް ހުރިއިރު، މި ތަކެތި ތަރުޖަމާކުރެއްވިއްޖެނަމަ މި ގަބުރުތަކާއި ބެހޭ އިތުރު ތަފްސީލުތަކެއްވެސް ލިބިގެންދާނެކަމަށް ބެލެވެ އެވެ.