03 Feb 2021, 11:41
މާރާމާރީ ހިންގުމުގެ ފުރުސަތު ބޮޑު ކަމަށް ތުހުމަތު ކުރެވޭތީ ގޭންގަކަށް ނިސްބަތްވާ ދެ މީހަކު ބަންދުކޮށްފި އެވެ.
މާލޭގައި ސިލްސިލާ މާރާމާރީތައް ފެށުނީ، މިދިޔަ އާދިއްޔަ ދުވަހުއެވެ. ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މާރާމާރީތަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ތިން ކުޑަ ކުދިންވެސް ހިމެނެ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުކުރި ދެމީހުންނަކީ، އުމުރުން 19 އަހަރު، މ. އާރިފާ މަންޒިލް، އައިހަމް ޝަރީފް އާއި އިމުރުން 18 އަހަރު، މ. އައިޝާމަންޒިލް، އަލީ ރިޔާޝް މުހައްމަދެވެ.
އައިހަމްއަށް ތުހުމަތު ކުރަނީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމަން ނަގާލުމެވެ. ރިޔާޝްއަށް ތުހުމަތު ކުރެވެނީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާ، އެ ދެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައިވަނީ، އެ ދެމީހުން ކުށްކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ސަބަބުތަކެއް ފުލުހުން ހުށަހަޅާފައިވާތީ އާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މުޖްތަމައުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނީ، އެ ދެމީހުންކީ މާލޭގެ "ގުރޫޕަކަށް" ނިސްބަތްވާ ދެ މީހުން ކަމަށާއި އޭމީހުން ނިސްބަތްވާ ގުރޫޕުތަކުން އިތުރު މާރާމާރީތަށް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އައިހަމް ކޯޓުގައި ބުނެފައިވަނީ، މާލޭގައި ހިންގާ މާރާމާރީތަކާ އޭނާއާ ގުޅުމެއް ނެތް ކަމަށާއި އޭނާ ހައްޔަރުކުރީ މާރާމާރީގައި އަނިޔާ ލިބުނު މީހެއް ގޮވައިގެން ވިލިމާލެ ދިއުމަށް ފެރީ ޓާމިނަލްގައި ހުއްޓާ ކަމަށެވެ. އަދި އޭނާއަކީ، ސްކޫލުގައި ކިޔަވާ ކުއްޖެއް ކަމަށް ކޯޓުގައި އައިހަމް ބުނެފައިވެ އެވެ. އެކަން ކަށަވަރު ކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ. އައިހަމްގެ ކުށުގެ ރިކޯޑެއް މިހާތަނަށް ނެތެވެ.
ރިޔާޝް ކޯޓުގައި ބުނެފައިވަނީ، މާރާމާރީގައި އޭނާގެ ދެ ރަހުމަތްތެރިއަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ރަހުމަތްތެރިއަކު ވިލިމާލޭ ފެރީ ޓާމިނަލްއަށް ގެންގޮސް ދިނުމަށް އެ ސަރަހައްދަށް އޭނާ ދިޔަ ކަމަށް ކޯޓުގައި ބުންޏެވެ. އޭނާއަކީ މީގެ ކުރިންވެސް މާރާމާރީގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ.
މާލޭގައި މިދިޔަ އާދިއްޔަ ދުވަހު ޖުމްލަ ހަތަރު މާރާމާރީއެއް ހިނގި އެވެ. އެ މާރާމާރީތަކުގައި އަނިޔާ ލިބުނު ބައެއް މީހުންނަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފައިވެއެވެ. އަދި އަނިޔާ ލިބުނު އެކަކު އޮތީ އައިސީޔޫގަ އެވެ. އައިސީޔޫގައި ބޭއްވި މީހާގެ ހާލަތު އަދި ސާފެއް ނޫނެވެ.