03 Feb 2021, 12:20
ކޮވިޑް19ގެ ކޭސްތައް ބޮޑުތަން އިތުރުވެ، ރާއްޖޭގައި އާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ދަނޑިވަޅަކީ ނުރައްކާތެރި ވަގުތެއް ކަމަށާއި، ނަމަވެސް އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ، ރާއްޖެއަށް ކާމިޔާބު ހޯދޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ކޮވިޑް ކޭސްތައް އިތުރުވެ، މިއަދުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. ހުސްވި ޖެނުއަރީ މަހު ރާއްޖެއިން ކޮވިޑް19 އަށް އިތުރު 2156 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު މިއީ ދިވެހިން ހޭލަންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އުޅެވެނީކީ އާންމު ހާލަތެއްގައެއް ނޫން. އާންމު ހާލަތަށް ދާން ކިތަންމެ ބޭނުންވިޔަސް އަދިވެސް އަޅުގަނޑުމެން މި އުޅެނީ ގަރުނަކުން އެއް ފަހަރު އަންނަ ވަރުގެ ޕެންޑެމިކް އެއްގެ ތެރޭގަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން ކުރިމަތިވި މި ލެލެވެލްގެ ޕެންޑެމިކް އަކީ 1918 ވަނަ އަހަރު އައި ސްޕެނިޝް ފްލޫ ކަމަށާއި އޭރު ވެސް ބަލި ކޮންޓްރޯލްކުރަން އެހީވެދިނީ އާންމުން ފަރާތްތަކުން މާސްކް އެޅުމުން ކަމަށެވެ. އެހެންކަމުން މި ޕެންޑެމިކްގައި ވެސް ކުރަން އޮތް ކަމަކީ މާސްކް އެޅުން ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ފުރަތަމަ ދެ ރާޅު އައި އިރުވެސް، ރައްޔިތުންގެ ފިޔަވަޅުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮަތަށް އަމަލުރުމުން، އަންދާޒާ ކުރި މިންވަރަށް ބަލީގެ ހާލަތު ރާއްޖޭގައި ނުދާ ކަމަށެވެ.
ޕްރޮޖެކްޝަން ގްރާފްތަކުގައި ދައްކާ ކޮންމެ ރޮނގަކީ މީހެއް ކަމަށާއި، އޭގެ ތެރޭގައި ބަލީގައޮ ނިޔާވެގެންދާނެ މީހުންނާއި، ބަލި ޖެހިގެން އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހާލު ބޮޑުވާ މީހުން ހިމެނޭނެ ކަމަށެވެ.
މާބޮޑު އަލާމާތްތަކެއް ނުފެނު ނަމަވެސް، ކޮވިޑްގެ ސަބަބުން އެތައް ދުވަހެއް ވަންދެން ބައެއް ކަހަލަ އަލާމާތްތައް ނުފިލާ ހުންނަ ކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން މިއީ އަމިއްލަ މީހާއަށް މާބޮޑު ނުރައްކަލެއް އިހްސާސް ނުކުރެވުނު ނަމަވެސް، ލޯބިވާ މީހުންނާއި މުޅި މުޖުތަމައަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ އަހަރު ތެރޭގައި ފެނިގެން ހިނގައްޖެ އެންމެން އެއްކޮށް މަސައްކަތް ކުރީމަ ރާއްޖެއަށް މިކަން ކާމިޔާބުވާނެކަން. އެހެންވީމަ އެގޮތަށް ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރުން ވަރަށް މުހިންމު. މިއޮތީ ހަމަ އެންމެ ނުރައްކާ ވަގުތު ޖެހިފަ، އެންމެންގެ މަސައްކަތް، އެންމެންގެ އެއްބާރުލުން، އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކުރަންވީ ވަގުތު މިއޮތީ ޖެހިފަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އާ ފިޔަވަޅުތައް ހާމަކުރުމަށް އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ވިދާޅުވީ، މެއި މަހުގެ ކޮމްޕްލަޔަންސް ރޭޓް ނުވަތަ ފިޔަވަޅުތަކަށް ބޯލަބާ މިންވަރު 98 ޕަސަންޓުގައި ހުރިއިރު އޮގަސްޓު މަހު ހުރީ 75 ޕަސަންޓުކަމަށެވެ. އަދި މިހާރު މިހިނގާ ފެބުރުއަރީ މަހުގައި އެ އަދަދު ހުރީ 50 ޕަސަންޓުގައި ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް ޝިނާ ވިދާޅުވި އެވެ.
ޝިނާ ވިދާޅުވީ، މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ ބާރު މިނުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއެންޓުގެ ކޭސްތައް ކަމަށެވެ. ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށެވެ. ނަމަވެސް މިހާރު އާ ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށް ޝީނާ ވިދާޅުވިއެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ބޯނުލަބައިފިނަމަ، ކޭސްތައް ވަރަށް އިތުރުވެގެންދާނެ ކަމަށާއި ހުރިހާ ރައްޔިތުންވެސް އެކަންކަމަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޝީނާ އިލްތިމާސް ކުރިއްވި އެވެ.
ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވާއިރު، ރާއްޖޭގައި ކޮވިޑް19 އަށް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.