މިހާތަނަށް ރާއްޖޭގައި 800އަށްވުރެ ގިނަ މީހުން ކޮވިޑް19އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފި އެވެ.

އެޗްއީއޯސީން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 880 މީހަކު ވަނީ ވެކްސިން ޖަހަފައެވެ.

އޭގެ ތެރޭގައި 666 މީހުންނަކީ މާލޭ ސަރައްދުން ވެކްސިން ޖެހި މީހުންނެވެ. މިއަދު ވެކްސިން ޖެހި މީހުންގެ އަދަދަކީ، 554 އެވެ.

ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ އެވެ. މާދަމާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާއިރު، ކުރިއަށް އޮތްތަނުގައި ހެލްތު ސެންޓަރުތަކުންް ވެސް ވެކްސިން ދޭން ފަށާނެއެވެ.

ރާއްޖޭގައި މިވަގުތު ދެނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މީގެއިތުރުން ޗައިނާ އިން އުފެއްދި، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހެޔޮއެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.