ރާއްޖޭގެ މިސްކިތްތަކުގައިދޭ ހުކުރު ހުތުބާ ސިޔާސީ ނުކުރުމަށް ޕީޕީއެމުން އިސްލާމިކް މިނިސްޓްރީ އަށް ގޮވާލައިފި އެވެ.
އިއްޔެ ޕީޕިއެމްގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ އިސްލާމިކު މިނސްޓްރީން ހުކުރު ދުވަހު މިސްކިތުގައި ކިޔާ ހުކުރު ހުތުބާ ސިޔާސީ ނުކުރެވޭނެ ކަމަށާއި ހުކުރު ހުތުބާއަކީ ވަކި މީހަކު ދިފާއުކޮށް އަދި ވަކި މީހަކު ކުށްވެރިކޮށް ކިޔޭނެ އެއްޗެއް ނޫން ކަމަށެވެ.

އަފްރާޝީމް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ހުތުބާއަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ ކަންތަކުން ރައީސް ނަޝީދު ދިފާއުކުރުމަށް ހުތުބާ ބޭނުންކޮށްފައިވާ ކަމަށާއި ރައީސް ނަޝީދު ހިންގަވާ ޖަރީމާތަކުން ސަލާމަތްކުރުމަށް އެފަދަ ހުތުބާތައް ނުކިއުމަށް އޭނާ ވަނީ އިސްލާމިކް މިނިސްޓްރީއަށް ގޮވާލައްވައިފަ އެވެ.

"މިކަހަލަ ދުވަސްވަރެއްގައި ކިޔައިދެނީ، [އެންމެފަހުގެ ހުތުބާގައި] ވިސްނުވައިދޭން އުޅުނީ ގުރުއާނުގައި އެބައޮތޭ ވައްކަން ކުރީމާ އަތްކަނޑަން. އުމަރު ބުނި ހައްތާބު އެއް އަހަރުވަންދެން އަތެއް ނުކަނޑައޭ މަސްލަހަތަށް ބައްލަވާފައި ޝަރުތު ފުރިހަމަ ނުވާތީ އަތްނުކެޑުއްވީއޭ ހުތުބާގައި ކިޔާފައި މިވަނީ. މީހުންނަށް ވިސްނައިދޭން އުޅުއްވަނީ ގާނޫނު އަސާސީގައި އެބައޮތޭ ފަނޑިޔާރުން ހައްޔަރުނުކުރެވޭނެ ކަމަށް ގާނޫނާ ހިލާފަށް. އެހެންނަމަވެސް މަސްލަހަތަށް ޓަކައި ރައީސް ނަޝީދަށް އެކަން ކުރެވޭނެ އަދިކުރަން ޖެހޭނޭ ކަން ހުކުރު ހުތުބާގައި ދައްކަން މަސައްކަތް ކުރެއްވި،" އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއާނުގައި ވަންކަން ކުރީމާ އަތްކަނޑަން އޮތްނަމަވެސް ވައްކަން ކުރީމާ އަތްކަނޑާ މިންވަރަށް ކަންކަންސާބިތުނުވެ ޝަރުތަށް ފުރިހަމަނު ވާތީ އުމަރު ބުނި ހައްތާބު އެކަން އެއްއަހަރަށް ފަސްކުރެއްވި ކަމަށާއި އެކަމުން މިސާލުނަންގަވައިގެން ހުކުރު ހުތުބާގައި ރައީސް ނަޝީދަށް ގާނޫނު އަސާސީ އާއި ހިލާފަށް މަސްލަހަތަށް ޓަކައި ކަންކަންކުރެވޭނެ މޭރުމަކުން އެވާހަކަ ވިދާޅުވުމަށް ހިތްވަރު ނުދެއްވޭނެ ކަމަށެވެ.

"އިސްލާމިކު މިނިސްޓްރީއަށް މިދަންނަ ވަނީ ރާއްޖޭގެ މިސްކިތްތަކުގައި ދެއްވާ ހުތުބާތައް އެއްވެސް ވަރަކަށް ސިޔާސީ ކޮށްގެން ނުވާނެ. ހުތުބާތައް ދޭން ވާނީ އެ އިރެއްގައި މުޖުތަމައުގައި ހުންނަ ބަލިތަކާއި ގުޅެގޮތުންނޭ،" އަފްރާޝީމް ވިދާޅުވި އެވެ.

އަފްރާޝީމް ވިދާޅުވީ ގާނޫނު އަސާސީ އާ ހިލާފަށް ރައީސް ނަޝީދު މިއަދު ކުރައްވާ ކަންތައްތައް އުމަރު ބުނި ހައްތާބު އެ ދުވަސްވަރު ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކަންކަން ކުރެއްވުމާ އުޑާއި ބިމާހާ ތަފާތުކަމަށާއި އެކަންކަން އެގޮތަށް ހުކުރު ހުތުބާގައި ނުގެނެސްދެވޭނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ކުށްކޮށްފައިވާ ސިޔާސީ ބޭފުޅުން ސަލާމަތްކުރުމަށް ހުކުރު ހުތުބާގައި ވިދާޅުވެގެން ނުވާނެ . މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އަފްރާޝީމް ވިދާޅުވި އެވެ.

އަފްރާޝީމް ވިދާޅުވީ ހުކުރު ހުތުބާއަކީ އެއިރެއްގައި މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ދެއްވަން ޖެހޭ އެއްޗެއް ކަމަށާއި ހުތުބާގައި ވަކި މީހަކު ކުށްވެރިކޮށް ވަކި މީހަކު ދިފާއުކޮށްގެން ހުތުބާ ދެއްވައިގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ތުހުމަތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު، އަހުމަދުﷲ ޖަމީލާ ގުޅުމުން ވިދާޅުވީ މި ވަގުތު އުޅުއްވަނީ އަވަދި ނެތި ކަމަށާއި ވާހަކަ ދައްކަވަން ދަތި ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ