02 Feb 2021, 20:21
ކޮވިޑް19އިން ރައްކާތެރިވުމަށް މާލެ ސަރައްހަދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މީހުން ބޯލަބާ މިންވަރު 50 ޕަސަންޓަށް ދަށްވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ކޮވިޑް ކޭސްތައް އިތުރުވެ، މިރެއިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އާ ފިޔަވަޅުތައް ހާމަކުރުމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ވިދާޅުވީ، މެއި މަހުގެ ކޮމްޕްލަޔަންސް ރޭޓް ނުވަތަ ފިޔަވަޅުތަކަށް ބޯލަބާ މިންވަރު 98 ޕަސަންޓުގައި ހުރިއިރު އޮގަސްޓު މަހު ހުރީ 75 ޕަސަންޓުކަމަށެވެ. އަދި މިހާރު މިހިނގާ ފެބުރުއަރީ މަހުގައި އެ އަދަދު ހުރީ 50 ޕަސަންޓުގައި ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް ޝިނާ ވިދާޅުވި އެވެ.
"ބަލި ބާރަށް ފެތުރުމުގެ އެއް ސަބަބަކީ ޔޫކޭގައި ބާރުމިނުމުގައި ފެތުރޭ އާވޭރިއެންޓް، އަނެއް ސަބަބަކީ ކޮމްޕްލަޔަންސް ލޯވުން [ފިޔަވަޅުތަކަށް ބޯލަބާ މިންވަރު ދަށްވުން]،" ޝީނާ ވިދާޅުވި އެވެ.
ޝިނާ ވިދާޅުވީ، މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ ބާރު މިނުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއެންޓުގެ ކޭސްތައް ކަމަށެވެ.
"އެޗްއީއޯސީން ހެދި ސްޓަޑީތަކުން ދައްކާގޮތުން މިހާރު އަޅުގަނޑުމެން ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.
ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށެވެ. ނަމަވެސް މިހާރު އާ ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށް ޝީނާ ވިދާޅުވިއެވެ.
"އާބަދީގެ ގިނަ ބަޔަކު ފިޔަވަޅުތަކަށް ބޯލެބުން މިހުންމު. އެހެން ނޫނީ އެ ފިޔަވަޅުތަކުގެ އަސަރު ނުފެންނާނެ،" ޝީނާ ވިދާޅުވިއެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ބޯނުލަބައިފިނަމަ، ކޭސްތައް ވަރަށް އިތުރުވެގެންދާނެ ކަމަށާއި ހުރިހާ ރައްޔިތުންވެސް އެކަންކަމަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޝީނާ އިލްތިމާސް ކުރިއްވި އެވެ.