ކޮވިޑް19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށްފަހުވެސް ލޭ ހަދިޔާ ކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިއަދު އެޗްއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ، ކޮވިޑް19ވެކްސިންއަކީ އެމްއާރު ފަދަ ލައިވް ވެކްސިންއެއް ނޫން ކަމަށާއި އެ ވެކްސިން ޖެހުމަށްފަހު ވަކި މުއްދަތަކަށް މަޑުކުރާކަށް ނުޖެހޭނެ ކަމަށެވެ.

"މި ވެކްސިންއަކީ މިއީ ލައިވް ވެކްސިންއެއް ނޫން. ހުންއައުން ފަދަ އިތުރު އަލާމާތެއް، ނެތް ނަމަ ލޭ ހަދިޔާ ކުރެވޭނެ. ވަކި މުއްދަތަކަށް މަޑުކުރާކަށް ނުޖެހޭނެ،" ފައިސަލް ވިދާޅުވި އެވެ.

ޑރ. ފައިސަލް ....

އޭނާ ވިދާޅުވީ، އެމްއާރު ފަދަ ވެކްސިންތަކުގައި ލޭ ހަދިޔާ ނުކޮށް ހަތަރު ހަފްތާ މަޑުކުރަން ޖެހޭތީ ބައެއް ފަރާތްތަކަށް އޮޅުން އަރާފައި އޮތުން އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް މި ވެކްސިންއަކީ އެފަދައިން ވެކްސިން ޖެހުމުގެ ސަބަބުން ލޭ ހަދިޔާ ނުކުރެވޭނެ ވެކްސިންއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ލޭ ހަދިޔާ ކުރުމުގެ އިތުރުން ލޭ އެޅުމުގައިވެސް ހުރަހެއް ނެތް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ އެވެ. މާދަމާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާއިރު، ކުރިއަށް އޮތްތަނުގައި ހެލްތު ސެންޓަރުތަކުންް ވެސް ވެކްސިން ދޭން ފަށާނެއެވެ.

ރާއްޖޭގައި މިވަގުތު ދެނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.