02 Feb 2021, 18:25
ރާއްޖެއަށް ހެޔޮއެދޭ ފަރާތަކުން ޗައިނާ އިން އުފެއްދި، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ހެޔޮއެދޭ ފަރާތަކުން، އިއްޔެ 5،000 ޑޯޒް ވެކްސިން ހަދިޔާ ކޮށްފައިވާ ކަމަށެވެ.
"ނަމަވެސް އަދި އަޅުގަނޑުމެންގެ ސްޓޯރޭޖުގައި މި ވެކްސިން ހުރީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ވެކްސިން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދާ ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވެކްސިނަށް ހުއްދަ ދޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ.
ޗައިނާއިން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިން މީހުންގެ ގަޔަށް ޖަހަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 24 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފަ އެވެ.
ސައިނޯވެކް އާއި ސައިންފާމްގެ ކޮވިޑް ވެކްސިންއިން ވެސް 78 ޕަސެންޓު މީހުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. މާދަމާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާއިރު، ކުރިއަށް އޮތްތަނުގައި ހެލްތު ސެންޓަރުތަކުންް ވެސް ވެކްސިން ދޭން ފަށާނެއެވެ.
ރާއްޖޭގައި މިވަގުތު ދެނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ އަށް ހަދިޔާ ކުރާ ވެކްސިން ވެސް މިމަހުގެ ތެރޭ ލިބޭނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.