ޖީއެމްއާރުން ސަރުކާރަށް ދައްކާ ފައިސާ އިން 25 ޑޮލަރުގެ އުނިކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން އަމިއްލައަށް ނަގައިގެން އެކަން ތަހުގީގު ކުރަން ފަށައި އެއާޕޯޓްސް ކޮމްޕެނީ އާއި ފިނޭސް މިނިސްޓްރީއާ ސުވާލުކުރަން ފަށައިފި އެވެ.

ޖެނުއަރީ އެކަކުން ފެށިގެން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނަގަން ޖީއެމްއާރުން ނިންމާފައި އޮތް ނަމަވެސް ކޯޓުގެ ހުކުމާ ގުޅިގެން އެ ފައިސާ ނެގޭގޮތް ވަނީ ނުވެފަ އެވެ. އެއާ އެކު ސަރުކާރުން މިހާރު އެއްބަސްވެފައި ވަނީ ތިން މަހުން އެއް މަހު ދައްކާ ކޮންސެޝަންފީ އިން އެ ފައިސާ އުނިކުރުމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ ނިންމުމުގައި ހިޔާނާތަށް މަގުފައިވާ ފަދަ އެއްވެސް ކަމެއް އޮތްތޯ އެ ކޮމިޝަނުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަލަންފަށާފައިވާ އިރު އެއާޕޯޓްސް ކޮމްޕެނީ އާއި އަދި ފިނޭންސް މިނިސްޓްރީއާ ވެސް ސުވާލުކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލަ ބަލަން ފެށީ މީޑިޔާ އިން އެ މައްސަލަ ފެނިގެން. ހުށަހަޅައިގެނެއް ނޫން. ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް އޮއްތޯ އެކަމުގައި ބަލަދު ފަރާތްތަކުން މިދަނީ ބަލަމުން،" ލުތްފީ ވިދާޅުވި އެވެ.

އޭޑީސީގެ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ތިން ޑޮލަރު ޖީއެމްއާރަށް ނުނެގޭތީ އެގްރިމެންޓްގައި އެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ގޮތަށް އޮންނަ ކަމަށް ބުނެ އެގޮތަށް ސަރުކާރުން އެއްބަސްވުމުން ދައުލަތުގެ އާމްދަނީއަށް މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.