ރާއްޖެއިން މިހާރު ފެންނަ ކޮވިޑް19ގެ އާ ކޭސްތަކުގެ 30 ޕަސެންޓަކީ ވައިރަހުގެ އާ ވޭރިއަންޓް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެހާ ބާރަށް މައްޗަށް ދަނީ ރާއްޖޭގައި އާ ވޭރިއަންޓްތައް އުޅުމުގެ އިތުރުން، މީހުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކަށް ބޯނުލަނބާތީ ކަމަށެވެ.

"އެޗްއީއޯސީން ހެދި ސްޓަޑީތަކުން ދައްކާގޮތުން މިހާރު އަޅުގަނޑުމެން ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ވޭރިއަންޓް ދެނެގަތުމަށް ރާއްޖޭގައި ބޭނުންކުރީ އިނގެރޭސިވިލާތުގައި ވެސް އާ ވޭރިއަންޓް ފެނިގެން، ޓެސްޓުކުރުމުގައި އަމަލުކުރި ގޮތަށެވެ.

އެގޮތުން ވައިރަސްގެ ބޭރުގައި ހުންނަ ޕްރޮޓީންތަކުގައި މިއުޓޭޝަން އެއް ހުރެގެން، އެބައި ޓެސްޓުތަކުން ނުދައްކާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް ބެލީ ޓެސްޓު ކުރާ އިރު "އެސް-ޖީން ޓާގެޓް ފެއިލިއާ" އަށް ކަމަށެވެ.

"ޖީނޯޓައިޕް ސީދާ ހަދައިގެނެއް ނޫން. އޭގެ ޕްރޮކްސީ އިންޑިކޭޓާއެއް އެއީ ވޭރިއަންޓް ހޯދަން ނޫނޭ އުޅޭ މިންވަރު ހޯދުމަށް. އެހެންވީމަ އެސް-ޖީން ޓާގެޓް ފެއިލިއާ އުޅޭ މިންވަރު ބަލައިގެން އަޅުގަނޑުމެން މި ނިންމީ ވޭރިއަންޓް އެބަ އުޅެޔޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާތަނަށް ވޭރިއަންޓާ ގުޅޭގޮތުން މިހާތަނަށް ޝާއިއުކޮށްފައި ހުރި އިލްމީ ދިރާސާތަކުގައި ބުނެފައި ހުންނަ ގޮތަށް ރާއްޖޭގެ ކޭސް ލޯޑާއި ޓްރާންސްމިޝަން ވެސް ދިމާވާ ކަމަށެވެ.

ރާއްޖޭގައި ވޭރިއަންޓް އުޅޭތޯ ޓެސްޓުކުރަން ފެށީ ޑިސެމްބަރު މެދު ތެރެއިން ފެށިގެންނެވެ. އެހެންކަމުން ރާއްޖެއިން ވޭރިއަންޓް ފެންނަން ފެށީ ސީދާ ކޮން އިރަކު ކަން ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ވޭރިއަންޓް އުޅޭކަމަށް ވާނަމަ، ބަލި ފެތުރުން އަވަސް ވާނެ ކަމަށެވެ. ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށެވެ. ނަމަވެސް މިހާރު ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށެވެ.

އަދި މިހާރު ބަލި ޖެހުމުން ސީރިއަސްވާ މިންވަރު ވެސް އިތުރު ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. ކުރިން ބަލި ޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ފެންނަނީ 45 ޕަސެންޓް މީހުންގެ ގައިންނެވެ. ނަމަވެސް މިހާރު އަލާމާތްތައް ހުންނަ މީހުންގެ ޕަސެންޓޭޖް އުޅެނީ 55 ގައެވެ.

އަދި މިހާރު ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. މިދިޔަ އޯގަސްޓު މަހު އެންމެ ގިނައިން މީހުން ޕޮޒިޓިވްވި އިރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިފައިވަނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 12 މީހުންނެވެ.

ނަމަވެސް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 22 މީހުން އެޑްމިޓްކުރަން ޖެހެ އެވެ.

"ދުވާލަކު 22 މީހުން ހޮސްޕިޓަލަކުން ނުއެއް ނުކުންނާނެ. އެހެންވީމަ މިހާރު ވަގުތީގޮތުން މީހުން ލާން ހުރި ތަންތަން ވެސް ފުރުމުގެ ޗާނަސް ވަރަށް ބޮޑު. ކޮންމެސް ގޮތަކުން އެނދު އިތުރުކުރިޔަސް ފަރުވާ ދޭން މި ތިބީ އެއް ބައެއް،" ޑރ. ޝީނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ފިޔަވަޅުތައް ހަރުކަށިނުކޮށްފި ނަމަ، ކުރިއަށް އޮތް ތަނުގައި ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ މިދިޔަ މޭ މަހު ފިޔަވަޅުތަކަށް ބޯލެނބުން (ކޮމްޕަލަޔަންސް) ހުރީ 98 ޕަސެންޓުގައި ކަމަށާއި، އެހެން ނަމަވެސް މިހާރު އެކަން ހުރީ 50 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް ކޮމްޕްލަޔަންސް 75 ޕަސެންޓަށް މަތިކޮށްލައިފި ނަމަ ކޭސް ލޯޑު ދަށްކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

"ވަރަށް ވަރަށް މުހިންމު ކޮންމެ ފިޔަވަޅަކަށް އާބާދީގެ ގިނަ ބަޔަކު ބޯލެނބުން. ބޯނުލަނބަންޏާ ފިޔަވަޅުތަކުގެ ފައިދާއެއް ނުކުރާނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.