މާދަމާ އިން ފެށިގެން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ކޮވިޑް19ގެ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހާނީ ސޯޝަލް ސެންޓަރާއި
އޭޑީކޭ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ސެނެހިޔާގަ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހަނީ އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށްވާތީ، ވީހާވެސް އަވަހަށް mv.health.my ގައި ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

ވެކްސިން ޖަހަންދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހޭނެ އެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވެކްސިން ޖަހަން ނުދިއުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި ކަރަންޓީންގައި ތިބި މީހުން ވެސް ވެކްސިން ޖަހަން ގޮސްގެން ނުވާނެ އެވެ.

އަދި ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދާން ވަނީ އެދިފަ އެވެ.

މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޑް19 ވެކްސިން ދޭން ފަށާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ފުރަތަމަ ދުވަހު 282 މީހުންނަށް ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގައި ދޭން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ. މިހާރު ވެކްސިން ދެނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. އައްޑޫ ސިޓީގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.