03 Feb 2021, 08:07
މިޔަންމާގައި މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި ބޭއްވި އާއްމު އިންތިހާބަކީ އެގައުމުގައި 49 އަހަރުވަންދެން އޮތް އަސްކަރީ ވެރިކަން 2011 ވަނަ އަހަރު ނިމުނު ފަހުން ބޭއްވި ދެވަނަ ޑިމޮކްރެޓިކް އިންތިހާބެވެ. ނަމަވެސް އޭގެ ފަހުން 10 އަހަރުވެސް ނުވަނީސް މިދިޔަ ހޯމަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ބަޣާވާތްކޮށް، އަނެއްކާވެސް ގައުމު ހިންގުމުގެ ބާރު އަތުލާފަ އެވެ.
މިޔަންމާގެ އާއްމު އިންތިހާބު ބޭއްވުމުގެ ކުރިންވެސް އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އަންގް ލެއިންގް ވަނީ އެ ވޯޓުގެ ނަތީޖާ އަސްކަރިއްޔާއިން ގަބޫލު ނުކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އަދި އިންތިހާބު ބޭއްވުމާ އެކު އަސްކަރިއްޔާއިން ވަނީ ވޯޓާސް ލިސްޓުގައި "އެތައް މިލިއަން މައްސަލަ" ހުރި ކަމަށް ބުނެފަ އެވެ.
އެ އިންތިހާބުގައި ލީޑަރު އަންގް ސަން ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)އިން ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް، ވެރިކަމުގެ އިތުރު ދައުރެއް ޔަގީން ކުރި ނަމަވެސް ގައުމުގެ ހިންގުމުގެ ބޮޑެތި ބާރުތައް އަދިވެސް އަސްކަރިއްޔާއަށް ލިބޭނެ އެވެ. އެއީ ޕާލިމެންޓުގެ 25 ޕަސެންޓު ގޮނޑިއަށާއި ޑިފެންސް ފަދަ މިނިސްޓްރީތަކަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު އަސްކަރިއްޔާއަށް ދީފައި އޮންނާތީ އެވެ. މިފަދަަ ބޮޑެތި ބާރުތަކެއް އަސްކަރިއްޔާގެ މުށުތެރޭ އޮވެ،ެ ބަޣާވާތްކޮށް، އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބަކީ ކޮބައި ހެއްޔެވެ؟
ލެއިންގް ރައީސްކަން ހޯއްދަވަން ބޭނުންފުޅުވުން
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ފެކަލްޓީ އޮފް ލޯގައި މަސައްކަތް ކުރައްވާ އަދި މިޔަންމާގެ ގާނޫނު އަސާސީ ދިރާސާ ކުރައްވާ ފޮތެއް ޝާއިއު ކުރެއްވި މެލިސާ ކްރައުޗް ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ ވެރިޔާ ލެއިންގް ރައީސްކަމަށް ވަޑައިގަންނަވަން އުއްމީދު ކުރައްވާތާ ދިގު މުއްދަތެއް ވެއްޖެ އެވެ. ނަމަވެސް އަސްކަރިއްޔާގެ ތާއިދު ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ނޮވެމްބަރު އަށެއްގެ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން އެ އަމާޒަށް ހުރަސް އެޅުނެވެ.

މިޔަންމާގެ ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫޗީ އާއި އަސްކަރިއްޔާގެ ވެރިޔާ ސީނިއާ ޖެނެރަލް މިން އަންގް ލައިން -- ފޮޓޯ: އޭޕީ
އެ އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ އެންއެލްޑީ އިންނެވެ. އަދި ޔޫއެސްޑީޕީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން 2008 ވަނަ އަހަރު އެކުލަވާލި ގާނޫނު އަސާސީގެ ދަށުން ޕާލިމެންޓުގެ 166 ގޮނޑި އަސްކަރިއްޔާއަށް ހާއްސަކޮށްފައިވީ ނަމަވެސް، ޔޫއެސްޑީޕީއާ ގުޅިގެން އަސްކަރިއްޔާއަށް ރައީސަކު ހޮވޭނީ އެ ޕާޓީއަށް އިތުރު 167 ގޮނޑި ލިބުމުންނެވެ. އަދި އެ އިންތިހާބުން ހޮވުނު ޕާލިމެންޓުގެ އާ ދައުރު ފަށަން ހަމަޖެހިފައި ވަނިކޮށް އަސްކަރިއްޔާއިން ބަޣާވާތް ކުރީ އެމީހުންނަށް ރައީސަކު ހޮވޭނެ އިތުރު ގޮތެއް ނެތްކަން ޔަގީންވުމުން ކަމަށް ކްރައުޗް ވިދާޅުވި އެވެ.
"ރައީސްކަން އަނެއްކާވެސް ހޯދުމަށް އެމީހުންނަށް ގާނޫނުން ބޭރުން މަސައްކަތް ކުރަން ޖެހުނީ، އެމީހުން އެއް އަހަރު ފަހުން އާ އިންތިހާބެއް ބާއްވާނެ. އަދި ޔޫއެސްޑީޕީއަށް ތިން ބައި ކުޅަ އެއްބައި ގޮނޑި ލިބިއްޖެ ނަމަ މިން އަންގް ލެއިންގް ރައީސަކަށް ވުން އެކަށީގެންވޭ،" ކްރައުޗް ވިދާޅުވި އެވެ.
ލެއިންގް އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް ކަމާ ހަވާލުވެވަޑައިގެންނެވީ 2011އިގަ އެވެ. އެއީ މިޔަންމާ އަސްކަރީ ވެރިކަމުން ދުރަށް ޖެހި، ރައްޔިތުންގެ ވެރިކަމަށް ތައްޔާރުވަމުން ދިޔަ އިރެވެ.
އޭގެ ފަހުން 2015އިގައި އެންއެލްޑީން އާއްމު އިންތިހާބު ކާމިޔާބު ކުރުމުން ލެއިންގް ރައީސްކަން ހޯއްދެވުމަށް ތައްޔާރުވާން ފެއްޓެވި އެވެ. އަދި ގައުމުގެ ސިޔާސީ މަަސައްކަތްތަކުގައި އަދިވެސް އިސްކޮށް އޮތީ އަސްކަރިއްޔާކަން ދެއްކެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ރަސްމީ ދަތުރުފުޅުތަކުގައި ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކަށް ވަޑައިގަންނަވާ، އެ ބައްދަލުވުންތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވެ އެވެ.
ނަމަވެސް ލެއިންގް ރައްޔިތުންގެ ރުހުން ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައް ގައުމުން ބޭރުގައި ކާމިޔާބެއް ނުވި އެވެ. އެއީ މިޔަންމާގައި ރޮހިންގާ މުސްލިމުންނާ މެދު އަމަލު ކުރަމުންދާ އަނިޔާވެރި ގޮތުގެ ފަހަތުގައި ވަނީ ލެއިންގް ކަމަށް ވާތީ އެވެ. އަދި އޭގެ ސަބަބުން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
މިޔަންމާގެ ފްރޮންޓިޔާ މެގަޒިންގައިވާ ގޮތުން ލެއިންގްގެ މުސްތަގުބަލާ މެދު އޭނާ ކަންބޮޑުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އެ ފިޔަވަޅުތައް ހިމެނެ އެވެ. އަދި މިއަހަރު 65 އަހަރުވުމުން، ގާނޫނު އަސާސީގައި އޮންނަ ގޮތުގެ މަތިން އޭނާ ރިޓަޔާ ކުރައްވަން ޖެހުންވެސް އެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެ އެވެ. އެހެންކަމުން އޭނާ މި އަހަރު ތެރޭ ރިޓަޔާ ކުރައްވާނީތޯ ނުވަތަ އަސްކަރިއްޔާއިން ގާނޫނަށް ބަދަލު ގެންނާނީތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މިޔަންމާގެ ބަޣާވާތަށް ފަހު ވެރިރަށުގެ މަގުމަތީގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ
ލެއިންގްގެ މުއްސަނދިކަން ދެމެހެއްޓުން
މިޔަންމާގައި އިންސާފަށް މަސައްކަތް ކުރާ ޖަސްޓިސް ފޯ މިޔަންމާ ޖަމިއްޔާއިން ބުނި ގޮތުގައި އެގައުމުގައި ކުރި ބަޣާވާތުގެ ބޭނުމަކީ ލެއިންގްގެ ސިޔާސީ ނުފޫޒާ އެކު އޭނާގެ މުއްސަނދިކަންވެސް ދެމެހެއްޓުމެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި ސިފައިންގެ ކޮމާންޑާ އިން ޗީފްގެ މަގާމާއެކު ލެއިންގްއަށް އަސްކަރިއްޔާގެ ދެ މައި ކުންފުނި ކަމަށްވާ މިޔަންމާ އިކޮނޮމިކް ކޯޕަރޭޝަން އާއި މިޔަންމާ އިކޮނޯމިކް ހޯލްޑިންސް ލިމިޓެޑްގެ ކޮންޓްރޯލް ލިބުނެވެ. އަދި އޭނާ އެ މަގާމަށް ވަޑައިގެންނެވި ފަހުން، ދައުލަތުގެ ވަސީލަތްތަކުން އޭނާގެ ދަރިންގެ ވިޔަފާރިތަކަށް ފައިދާ ލިބިފައިވާ ކަމަށްވެސް ޖަސްޓިސް ފޯ މިޔަންމާއިން ބުންޏެވެ.
"[މިޔަންމާގައި] ޑިމޮކްރަސީ ކުރިއަރާ [ލެއިންގްގެ] ޖިނާއީ މައްސަލަތަކަށް އޭނާ ޖަވާބުދާރީކޮށްފި ނަމަ އޭނާ އާއި އޭނާގެ އާއިލާއަށް އާމްދަނީ ލިބޭ ގޮތްތައް ހުއްޓުމަކަށް އައުން އެކަށީގެންވޭ،" ޖަސްޓިސް ފޯ މިޔަންމާއިން ބުންޏެވެ.
މިޔަންމާގެ އަސްކަރިއްޔާގެ ބާރާމެދު ނުތަނަވަސްކަން އުފެދުން
މިޔަންމާގެ އަސްކަރިއްޔާއަށް ޕާލިމެންޓުން ކޯޓާއެއް ހަމަޖައްސާފައި ވުމުން އެގައުމުގެ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް ވީޓޯ ކުރުމުގެ ބާރު އަސްކަރިއްޔާއަށް ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އިންތިހާބުގައި ޕާލިމެންޓުގެ ބޮޑު އަގުލަބިއްޔަތެއް ހޯދާފައި ވަނީ އެންއެލްޑީން ކަމުން ސިފައިންގެ ނުފޫޒު ކުޑަ ވާނެ އެވެ. އަދި އަސްކަރިއްޔާއިން މިހާރު ވަނީ އަލުން އާއްމު އިންތިހާބު ބާއްވާ، ކާމިޔާބުވާ ޕާޓީއަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއަކީ 1990 ވަނަ އަހަރުވެސް ސޫޗީ އިސްވެ ހުންނަވައިގެން އެންއެލްޑީން ކާމިޔާބު ކުރި އާއްމު އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް، ވެރިކަމުގައި ދެމިއޮތް ބާރެކެވެ. އެހެންކަމުން މިފަހަރު އަސްކަރީ ވެރިކަން ދެމި އޮންނާނެ މުއްދަތަކާ ބެހޭ ގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.
އެ ބަޣާވާތާ ގުޅިގެން ބޭރުގެ ގައުމުތަކުން ވަނީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ސޫޗީގެ ބަސްފުޅެއް ކަމަށް ބުނެ އެންއެލްޑީން ނެރުނު ބަޔާނެއްގައި ވަނީ "ބަޣާވާތް ގަބޫލު ނުކުރުމަށާއި މުޒާހަރާ ކުރުމަށް" ގޮވާލާފަ އެވެ.
މަސްދަރު: އަލްޖަޒީރާ، ބީބީސީ