އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރުގެ މަގާމުން މުހައްމަދު ޔަސްރިފު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ކަމުގައި ހުންނެވި ޔަސްރިފު ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ޔަގީންކޮށްދީފަ އެވެ.

ނަމަވެސް ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލުން ބުނީ ޑެޕިޔުޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އައްޑޫ ސިޓީ ކައުންސިލަށާއި މުޅި އައްޑޫ ސިޓީއަށް ވެސް ޔަސްރިފް ކޮށްދެއްވި ފުރިހަމަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، މޭޔަރާއި ސިޓީ ކައުންސިލްގެ އެންމެހާ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކުރާކަމަށެވެ.

އަދި މުސްތަގުބަލުގައި ވެސް ޔަސްރިފަށް އުފަލާއި ކާމިޔާބީއަށް އެދޭ ކަމަށެވެ.