ޒަރޫރީ މަސައްކަތަކަށް ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދާން ޖެހޭ ފަރާތްތަކުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް އަލުން ބަދަލުކޮށްފި އެވެ.

ކަރަންޓީނު ނުވެ މާލެއިން ރަށްރަށަށް ދިޔުމުގެ ހުއްދަ އެޗްޕީއޭއިން ދެމުން އަންނަނީ ރަށްރަށުގައި އެކި އެކި ހިދުމަތްތައް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތްތައް ހިންގުމަށް ރަށަކަށް ދާން ޖެހޭ ފަރާތްތަކަށް އެކަންޏެވެ.

އެފަރާތްތަކުން ކޮވިޑް ނެގެޓިވް ނަތީޖާއަކަ އެކު ދަތުރުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލީ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ.

އެ ފިޔަވަޅު އުވާލީ ބައެއް ކަހަލަ މުހިންމު މަސައްކަތްތައް ކުރަން ކޮންމެ ރަށަކަށް ވެސް ދާން ތިބީ އެއް ބަޔަކަށް ވާތީ، ގިނައިން ޕީސީއާރް ޓެސްޓު ކުރުމުގައި އުނދަގޫތަކެއް ހުރުމުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.

އެގޮތުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން ރަށްރަށަށް ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭން ދާފަރާތްތައް ދަތުރުކުރުމުގެ 72 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓު ގެންދަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނި ވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ އެކަނި ރާއްޖެ އިން 215 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކު ހިމެނެ އެވެ.

ރާއްޖޭގައި އިއްޔެ ކޮވިޑް އާދެކޮޅަށް ވެކްސިން ދޭން ފަށާފައި ވާއިރު، ބަލި ކޮންޓްރޯލް ކުރުން މުހިންމުކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.