ހައިކޯޓާއި ސުޕްރީމް ކޯޓުގެ އަމުރުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށް ނުލަނީސް، އަދި އޭނާ އަށް ގާނޫނު އަސާސީ އިން ލިބިދޭ އެންމެހާ ހައްގުތައް ސަރުކާރުން ފޯރުކޮދިނުމަށް ދާންދެން ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް ޖުޑީޝަލް ސާވީސް ކޮމިޝަން ]ޖޭއެސްސީ[ އަށް ގައުމީ ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕުރީމް ކޯޓާއި ހައިކޯޓުގެ އަމުރުތަކާ ކަނޑައެޅިގެން ސަރުކާރުން ދެކޮޅުހަދައި އަދުލު އިންސާފުގެ ދާއިރާގެ ބާރުކަނޑުވާލައި ޖުޑީޝަލް ސާވިސް ކަމިޝަނާއި ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލާއި ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްކުގެ ގޮވާލެއްވުންތަކަށާއި އަމުރުތަކަށް "ތަބާނުވެ" ރައީސް ނަޝީދު ގޮތްދޫނުކުރައްވައި ދެމިހުންނަވާހާ ހިނދަކު އެމަނިކުފާނާ އެއްވެސް މަޝްވަރާއެއް ކުރުމަކީ "ޣައިރުގާނޫނީ އަމަލުގެ މަތީގައި" ދެމިހުނެނެވުމަށް އެމަނިކުފާނަށް ލިބޭ ހިތަވަރަކަށް ވާނެ ކަމަށެވެ.

"ވީމާ ދިވެހި ރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތަކާ އެއްގޮތަށް ޢަބްދުﷲ މުޙައްމަދު ދޫކޮށް އޭނާ އަށް ގާނޫނު އަސާސީ އިން ލިބިދޭ އެންމެހާ އަސާސީ ޙާއްގުތައް ސަރުކާރުން ފޯރުކޮށްދީފުމަށް ދާންދެން ރައީސް ނަޝީދައި އެމަނިކުފާނުގެ ސަރުކާރާއި އެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް ޖުޑީޝަލް ސާވިސް ކަމިޝަނަށް ގޮވާލަމެވެ." ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.

ގައުމީ ޕާޓީން ބުނެފައި ވަނީ ރައީސް ނަޝީދަށް ޖޭއެސްސީ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"ކުރިމިނަލް ކޯޓްގެ އިސް ގާޟީ އަބްދުﷲ މުޙައްމަދު، ނިޒާމުން ގެއްލުވާލާ ރަހީންކޮށްގެން ރައީސް ނަޝީދު ގެންގުޅުއްވާ ގެއްގުޅުއްވުމަކީ ރައީސް ނަޝީދު، ދިވެހި ރައްޔިތުންނާއި ގާނޫނު އަސާސީ އާއި ދެކޮޅަށް ހިންގަވާ ބޮޑު ޖަރީމާއެއް. ޖުޑީޝަލް ސާވިސް ކަމިޝަނަށް ނުފޫޒު ފޯރުވައި އަދުލު އިންސާފުގެ ދާއިރާގެ ތެރައަށް އަތްބޭނުމަށް ކުރާ މަސައްކަތަށް އެއްވެސް ޖާގައެއް ދެވިގެން ނުވާޏެ އެވެ."

ޖޭއެސްސީ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ހަވީރު ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ޖޭއެސްސީގެ މަސައްކަތްތަށް އެޅިފައިވާ ހުރަސްތަކާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކޮށްފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.