ރާއްޖޭގައި ކޮވިޑް19 ފެތުރުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރުން ހަރުދަނާކުރަން ނިންމައިފިއެވެ.

ކޮވިޑު ކޮންޓްރޯލު ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރުން ހަރުދަނާ ކުރަން ނިންމާފައިވައިރު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުންވެސް ކޮވިޑް19ގެ ކޮމިޔުނިޓީ ކޭސްތައް ވަނީ ފެނިފައެވެ.

އެގޮތުން ގއ. ދެއްވަދުއިން ކޮވިޑް ކޭސްއެއް ފެނި އެ އަތޮޅުގެ ބައެއް ރަށްރަށުން ވަނީ އެއާ ގުޅުންހުރި ކޭސްތައް ފެނިފައެވެ. އޭގެ އިތުރުން މ. ކޮޅުފުއްޓާއި ހއ. މުރައިދޫ އަދި އއ. މަތިވެރިންވެސް ކޭސްތަކެއް ފެނި އެ ރަށްތައް ވަނީ މޮނިޓަރިންގަ އެވެ.

މާސްކު އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ފަށާނީ ފެބްރުއަރީ ހަތަކުން ފެށިގެންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށް އެޗްޕީއޭ އިން އާންމުކުރި އެންގުމުގައި ބުނީ މާސްކު އެޅުމުން އިސްތިސްނާވާނީ އުމުރުން ދެ އަހަރު ނުވާ ކުދިންނާއި ކަސްރަތު ކުރަން އުޅޭމީހުން، އަދި އެހެން މީހުންގެ އެހީ އާއި ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކުގައި ކާބޯތަކެތީގެ ހިދުމަތް ހޯދާ ފަރާތްތައް ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރަން ފަށަން ނިންމާފައިވާއިރު މީގެ ކުރިންވެސް އެޗްޕީއޭ އިން ވަނީ މީހުން ދިރިއުޅޭ ހުރިިހާ ރަށަކާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ގެންގުޅެން ޖެހޭގޮތަށް ގައިޑްލައިން އެއް އެކުލަވާލައިފައެވެ.

އޭރު މި ނިންމުން ނިންމީ ކޮވިދް ކޭސްތައް މަދުވެފައިވަނިކޮށް މާލެއިން ރަށްރަށަށް ދާ މީހުންގެ ކަރަންޓީނު މުއްދަތު14 ދުވަހުން 10 ދުވަހަށް ނިންމިއިރު އެވެ.

މި އަހަރު ފެށުނީއްސުރެ ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާއިރު، އިއްޔެ އެކަނިވެސް ވަނީ 215 ކޭސް ފެނިފައެވެ.

ކޮވިޑް19 ގެ ކޭސްތައް އިތުރުވާނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުތަކާ ވަރުވެދާނެތީ، އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ބަލިފެތުރުން ކޮންޓްރޯލު ކުރުމަށް މާދަމާރެއިން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާވެސް ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާ ކުރަން ވަނީ ނިންމައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގެ 16،056 ގެ ކޭސް ފެނިފައިވާއިރު 1،07 އެކްޓިވް ކޭސް އެބައޮތެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 184 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.