02 Feb 2021, 17:38
ސަރުކާރު އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް އަނެއްކާވެސް ބަދަލުކޮށްފި އެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ ކޮވިޑް19 ފެތުރުން އިތުރުވެފައިވާތީ، ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި، ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުމުގައި ސަރުކާރުގެ އިދާރާތަކުން އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް:
1. މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން.
2. މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން.
3. މުވައްޒަފުން ޓީމުތަކަކަށް ބަހާލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
4. އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައިގެން، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން.
ހަމައެއާއެކު ސަރުކާރުގެ ހުރިހާ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރަން ވަނީ އަންގައިފި އެވެ.
އެގޮތުން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރާވަން ވަނީ އަންގައިފަ އެވެ.
އަދި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރަން ވެސް ވަނީ އަންގައިފަ އެވެ.
ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެގޮތުގެ މަތިން ދެމުން ގެންދިއުމަށާއި އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ވަނީ އަންގައިފަ އެވެ.
ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓަން އުސޫލުގައިވެ އެވެ.
ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތް ކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަން ރައީސް ވަނީ އަންގަވައިފަ އެވެ.
އަދި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތްކުރަން ވެސް ވަނީ އަންގައިފަ އެވެ.
ކޮވިޑް19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަން ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ އުސޫލު ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކަށް އެންމެހާ މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި، އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.
ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނި ވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އިއްޔެ އެކަނި ރާއްޖެ އިން 215 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކު ހިމެނެ އެވެ.
ރާއްޖޭގައި އިއްޔެ ކޮވިޑް އާދެކޮޅަށް ވެކްސިން ދޭން ފަށާފައި ވާއިރު، ބަލި ކޮންޓްރޯލް ކުރުން މުހިންމުކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.