ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ގެނައި ބަދަލާއެކު ކުރިއަށް އޮތް ދެ ހަފްތާ އަށް ގްރޭޓާ މާލެ ސަރަހައްދުގައި ރޭގަނޑު11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާނު ކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަންވެސް ވަނީ ނިންމައިފައެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑު19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވެފައިވަނިކޮށެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1،800 އިން މައްޗަށް އަރާފައިވާއިރު، 184 މީހުންނަށް ފަރުވާ ދެމުންދަީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.