02 Feb 2021, 14:18
ހިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން ޔޮޓެއް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ބުނީ ޖޫރިމަނާކޮށްފައި ވަނީ "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް ކަމަށެވެ.
އެ ޔޮޓު ހަނިފަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އެ އުޅަނދުގައި ތިބި ފަރާތްތަކުން އެ ސަރަހައްދުގައި ކައިޓް ސާފްކޮށް ހަނިފަރު ރަށަށް އަރައި ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
އެހެންކަމުން ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން އެ ޔޮޓު ވަނީ 6,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
އެ ޔޮޓު ޖޫރިމަނާކޮށްފައި ވަނީ އިއްޔެ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އީޕީއޭ އަށް ދެއްކުމަށް އެ އުޅަނދުގެ ލޯކަލް އެޖެންޓް އޭޝިއާ ޕެސިފިކް ސްޕަރޔޮޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގައިފަ އެވެ.