02 Feb 2021, 12:46
މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޑް19 ވެކްސިން ދޭނ ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ސަން" އަށް މިއަދު ވިދާޅުވީ މާދަމާ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ފަށާއިރު އޭގެ ފަހުން ހެލްތު ސެންޓަރުތަކުގައިވެސް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކުރިއަށް އޮތް 10 ދުވަސްތެރޭ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ހެލްތު ކެއާ ވޯކާސް އަދި ސޯޝަލް ކެއާ ވޯކާސް އަށް ވެކްސިން ދިނުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ފުރަތަމަ ދުވަހު 282 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
ރާއްޖޭގައި ދޭން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން އެވެ.
މިހާރު ވެކްސިން ދެނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. އައްޑޫ ސިޓީގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.