ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ފުށޫ އެރުމުގެ ސަބަބުން، ބޫޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނުގެ ރައްޔިތަކު ދޫވެއްޖެ އެވެ.

މިރުޒާ އިމްތިޔާޒު ބާއިގުގެ މައްޗަށް ދައުލަތުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކުރީ މެއި 2، 2017ގެ މެންދުރު އޭނާ އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައިތަނުން އެއާޕޯޓް ކަސްޓަމްސްއިން އޭނާއާ މެދު ޝައްކު އުފެދިގެން އޭނާ ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ބޫޓުގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ. ކަސްޓަމްސްގެ އޮފިސަރުން އެ ބޫޓުގެ ފޫ ނައްޓައި ބެލި އިރު ޓޭޕު އޮޅާފައި އޮތް ދެ ރަބަރު ޕެކެޓު ފެނިފައިވެ އެވެ. އެ ޕެކެޓުތަކުން ޖުމްލަ 975.8 ގްރާމުގެ ޑައިމޯފިން ފެނިފައިވާ ކަމަށް ދައުލަތުން މިރުޒާއަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައި ވަނީ ކަސްޓަމްސްގެ ތިން އޮފިސަރުންނާއި މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރެވެ. މިދިޔަ މަހުގެ 21 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހެކިވެރިންގެ ހެކިބަހާއި ދައުލަތުން ހުށަހެޅި ބައެއް ކިތާބީ ހެކީގައިވެސް ފުށޫއެރުންތަކެއް ހުރި ކަމަށެވެ.

މަސްތުވާތަކެތި ފެނުނީ މިރުޒާ އަރައިގެން ހުރި ބޫޓަކަށް ކަމަށް ކަސްޓަމްސްގެ އޮފިސަރުން ހެކިބަސް ދެމުން ބުނެފައިވެ އެވެ. ނަމަވެސް، ދައުލަތުން ހުށަހަޅާފައި ފޮޓޯތަކުން ފެންނަނީ އޭނާ އަރައިގެން ހުރީ ފައިވާނަކަށް ކަމަށެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، އެ ފައިވާނަކީ ކިހިނެއް އޭނާއަށް ލިބުނު ފައިވާނެއްކަން ނޭނގޭ ކަމަށް ދެ އޮފިސަރަކު ބުނެފައިވެ އެވެ.

އޭގެ އިތުރުން، ބޫޓު ތެރެއިން ފެނުނު ކަމަށް ބުނާ ތަކެތީގެ ބަރުދަން، ކަސްޓަމްސްއިން ތައްޔާރު ކުރި ރިޕޯޓުގައިވާ ބަރުދަނާއި، ފުލުހުން ތައްޔާރު ކުރި ރިޕޯޓުގައި ބުނާ ބަރުދަނާ ދިމާ ނުވާކަން ހުކުުމުގައި ފާހަގަކޮށްފައިވެ އެވެ. ކަސްޓަމްސްގެ އޮފިސަރަކު ހެކިބަސް ދެމުން ބުނެފައި ވަނީ ގާތްގަނޑަކަށް 1.7 ކިލޯ ބޫޓުން ފެނުނު ތަކެތީގައި ހުންނާނެ ކަމަށެވެ.

ފުލުހުންގެ ތަހުލީލު ރިޕޯޓު ތައްޔާރު ކުރި ސްޓޭޝަން އިންސްޕެކްޓާ ހެކިބަސް ދެމުން ބުނެފައި ވަނީ، ކަސްޓަމްސްގެ ރިޕޯޓު ފެނިފައި ނުވާ ކަމަށާއި، ބަރުދަނުގައި ހުރި އެ ފުށޫއެރުމަކީ ކިހިނެއް އައި ބަދަލެއް ކަމެއް ނޭނގޭ ކަމަށެވެ.

ފެނުނުު އެއްޗެހި ހުރީ ހުދު ކުލައިގެ އެތެރެ ފެންނަ ޓޭޕު އޮޅާފައި ކަމަށް ކަސްޓަމްސްގެ އެއް އޮފިސަރަކު ބުނިި އިރު އެހެން އޮފިސަރަކު ބުނެފައި ވަނީ އޭގައި އޮޅާފައި ހުރީ މުށި ކުލައިގެ އެތެރެ ނުފެންނަ ޓޭޕް ކަމަށެވެ.

އޭގެ އިތުރުން، ކަސްޓަމްސްގެ އޮފިސަރަކު ވަނީ ހެކިބަސް ދެމުން މިރުޒާ ރާއްޖެ އައި ފްލައިޓު ނަމްބަރު ނުބައިކޮށް ބުނެފަ އެވެ. މިރުޒާ އައީ އީކޭ 656 ފްލައިޓުން ކަމަށް އޭނާ ބުންޏަސް އޭނާ އައިސްފައި ވަނީ އީކޭ 652 ފްލައިޓުންކަން ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

މިރުޒާއަށް ތަހުގީގު މަރުހަލާގައި ވަކީލަކު ހަމަޖައްސާފައިވޭތީ ބެލުމަށް އޭނާގެ ފަރާތުން ވަނީ ފުލުހުންގެ ލިޔުންތައް ހޯދުމަށް އެދިފަ އެވެ. ނަމަވެސް، ދައުލަތުން ބުނެފައި ވަނީ، އޭނާގެ މައްސަލައިގައި ހިމެނޭ ފުލުހުންގެ އައިއޯ މެދުވެރިކޮށް އެ ލިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ލިޔުންތައް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން، އޭނާއަށް ތަހުގީގު މަރުހަލާގަައި ވަކީލަކު ހަމަޖެއްސި ކަމެއް އެނގެން ނެތް ކަމަށް ބުނެފައިވެ އެވެ.

ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ހައްގަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގެކެވެ. ވަކީލަކު ބޭނުންވިޔަސް، ހާލަތު ހުރި ގޮތުން އަމިއްލައަށް ވަކީލަކު ހަމަނުޖެއްސޭ ހާލަތުގައި ޖިނާއީ މައްސަލަތަކުގައި ދައުލަތުން ވަކީލަކު ހަމަޖައްސަންވެސް ޖެހެ އެވެ. މިރުޒާގެ މައްސަލައިގައި ދައުލަތުގެ ވަކީލަކު އޭނާއަށް ހަމަޖެއްސީ މާ ފަހުގެ މަރުހަލާއެއްގަ އެވެ.

އެ މަސްތުވާތަކެއްޗަކީ މިރުޒާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭތީ އާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކި ގަރީނާތަކުގައި ފުށޫއެރުންތަކެއް ހުރުމުން އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމުގައިވެ އެވެ.

މިރުޒާ ލައިގެން ހުރި ކަމަށް ބުނާ ބޫޓުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އޭނާ އޭގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އެއްޗެއްކަން ޝައްކު ކުރެވޭ ހާލަތުގައި، އެ ޝައްކުތައް ދުރުކުރެވޭނީ އޭނާއާ އެ މަސްތުވާތަކެއްޗާ ގުޅުވައިދޭ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެކި ނުވަތަ އެ ނޫންވެސް ހެކި ހުރެގެން ކަމަށް ހުކުުމުގައިވެ އެވެ. ނަމަވެސް، އެފަދަ ހެކިތަކެއް މިރުޒާއާ ދެކޮޅަށް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.