30 Jan 2012, 15:00
މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން، ޅ.ހިންނަވަރަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުރި ފަސް ދުވަހުގެ ޓްރޭނިން ދަތުރު ނިންމާލުމަށް ފަހު މިރޭ މާލެ އަންނާނެ ކަމަށް ކުލަބްގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.
ހިންނަވަރުގައި ހުރެ، ސަން އޮންލައިނާ ވާހަކަދައްކަމުން މެނޭޖަރު އަޔާ ބުނީ، ވިކްޓަރީން ހިންނަވަރަށް ކުރި ފަސް ދުވަހުގެ ދަރުތުގައި ސީނިޔާ ޓީމުގެ އިތުރުން ވިކްޓަރީގެ ޖޫނިޔާ ޓީމް ވެސް ބައިވެރިވެފައިވާއިރު، ދެ ޓީމުވެސް ހިންނަވަރުގަޔާއި ކުރެއްދޫ ރިސޯޓްގައި ކުޅުނު ޕްރެކްޓިސް މެޗްތަކަށް ބަލާއިރު، ހޯދި ނަތީޖާތާކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ވިކްޓަރީގެ މިދަތުރުގެ މަގްސަދު ހާސިލް ކުރެވިއްޖެ. ވިކްޓަރީގެ ސީނިޔާ ޓީމް މިހާރުވަނީ ފަސް މެޗެއް ކުޅެ ކޮންމެ މެޗެއް ވެސް ކާމިޔާބު ކޮށްފައި. ސީނިޔާ ޓީމުގެ ކުޅުމާ މެދު ހިތް ހަމަޖެހޭ. ސީނިޔާ ޓީމުގެ ފަހު މެޗްގައި މިއަދު ނުކުންނާނީ ޅ.ޕާމްބީޗް ރިސޯޓާ ދެކޮޅަށް،" އަޔާ ބުންޏެވެ.
އަޔާ ބުނީ، ސީނިޔާ ޓީމް ހިންވަރަށް ކުރި ދަތުރުގައި ޖުމްލަ ހަ މެޗެއް ކުޅުމަށް ނިންމާފައި ވާއިރު، މިހާތަނަށް ކުޅުނު މެޗްތަކުގައި ބައްދަލުކޮށްފައި ވަނީ ނ. ކުޑަފަރީ ޓީމަކާ، ޅ. ނައިފަރު ޓީމަކާ ، ޅ. ކުރެއްދޫ ރިސޯޓުގެ ޓީމަކާ ހިންނަވަރު ޓީމެއްގެ އިތުރުން އެ އަތޮޅު ކުރެންދޫ ޓީމަކާ އެކުއެވެ. އަދި އެ ރަށްރަށުގެ ޓީމްތަކުން ވިކްޓަރީއަށް ދިން ތަރުހީބާއި އެއްބާރުލުމާ މެދު ހިތް ހަމަޖެހޭ ކަމަށް ވެސް އަޔާ ބުންޏެވެ.
"ހިންނަވަރުގެ ޒުވާނުންނާއި އެރަށު ޖަމިއްޔާތަކުން ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދިން. ދަތުރުގެ މަގްސަދު ހާސިލް ކުރެވުނު. ޅ. އަތޮޅުގެ ރަށްރަށުން ލިބުނީ ވަރަށް ބޮޑު އެއްބާރުލުމެއް. މިދަތުރުގައި ދެ ކުޅުންތެރިޔަކު ވިކްޓަރީ އާ މިހާރު ވަނީ ކުޅެފައި. އެއީ ހިންނަވަރު ކުއްޖަކާއި ނ. އަތޮޅު ވެލިދޫ ކުއްޖެއް،" އަޔާ ބުންޏެވެ.
އަޔާ ބުނީ، ވިކްޓަރީގެ ޖޫނިޔާ ޓީމުން މިދަތުރުގައި ޖުމްލަ ހަތަރު މެޗެއް ކުޅެފައި ވާއިރު، ޖޫނިޔާ ޓީމް ކުރި ދަތުރުގެ މަގްސަދުވެސް ހާސިލް ވެއްޖެ ކަމަސެވެ. އަދި ޖޫނިޔާ ޓީމް މިއަދު ތިނެއް ޖަހާއިރު މާލެ އައުމަށް ފުރާފައި ވާއިރު، ސީނިޔާ ޓީމް މިރޭ މާލެ ދާނެ ކަމަށް އަޔާ ބުންޏެވެ.
ވިކްޓަރީގެ ޖޫނިޔާ ޓީމް މިހާރު ތައްޔާރު ވަމުން އެ އަންނަނީ އަންނަ މަހު ފަށާ 21 އަހަރުން ދަށުގެ އެފްއޭ ކަޕަށެވެ.
އަޔާ ބުނީ، ވިކްޓަރީގެ މިދަތުރުގައި ސީނިޔާ ޓީމުގެ ކުޅުންތެރިންނާ ޖޫނިޔާ ޓީމުގެ ހުރިހާ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ވެސް ބައިވެރިވާ ވިކްޓަރީގެ ސީނިޔާ ޓީމުން އަންނަ މަހުގެ ކުރީކޮޅު އިންޑިއާގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ވެސް ބައިވެރިވާން ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް އިންޑިޔާގައި ބާއްވާ މުބާރާތް ފަށާނެ ވަކި ތާރީހެއް އަދި މުޅިން ފައިނަލް ވެފައި ނުވާތީ، އެ މުބާރާތުގައި ބައިވެރިނުވުމުގެ ހިޔާލުތަކެއް މިވަގުތު ގެންގުޅޭ ކަމަށް އަޔާ ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައިވާ އިރު، ވިކްޓަރީގެ ސީނިޔާ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމެއިރު ހިމެނެ އެވެ. އަދި ނިއުއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވިކްޓަރީއާ ގުޅުނު އިރު، ވީބީގެ އަހުމަދު ސައީދު (އައްމަޓީ) އާއި ވެލެންސިއާގެ ރިލްވާން ވަހީދު (ރިލޭ) ވެސް ވަނީ ވިކްޓަރީއަށް ބަދަލުވެފަ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ދެޓީމުގެ މެޗުން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާއިއިރު، އެދެޓީމަކީ ވީބީ އައްޑޫ އެފްސީއާއި ވިކްޓަރީ އެވެ.