ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޑރ. މުހައްމަދު ޒާހިރުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ކަމަށެވެ.

ކުރިން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކޮށްފައިވާ ޑރ. މުހައްމަދު ޒާހިރަކީ، ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮސްފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ގައެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.

ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން މަޖިލިސް އޮތީ ޗުއްޓީގަ އެވެ. މިއަހަރަށް މަޖިލިސް ހުޅުވުން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.