02 Feb 2021, 11:43
ބެއިޖިން (ފެބްރުއަރީ 2): ޗައިނާގައި ފޭކު ކޮވިޑް-19 ވެކްސިން ވިއްކި 80 އަށް ވުރެ ގިނަ މީހަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.
ޗައިނާގެ ޒިންހުއާ ނޫހުގައިވާ ގޮތުން އެގައުމުގެ ފުލުހުން ބެއިޖިން އާއި ޖަންގްސޫ އާއި ޝަންދޮންގް ޕްރޮވިންސުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ފޭކު ވެކްސިން އުފައްދާ، ވިއްކަމުން ދިޔަ ބަޔަކު ބޭނުން ކުރަމުން ދިޔަ ތަންތަން ހޯދާފަ އެވެ. އަދި އެ ތަންތަނުން ފޭކު ވެކްސިންގެ 3،000 ޑޯޒް ހޯދައިފަ އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން އެ މީހުން ކޮވިޑް ވެކްސިން ކަމަށް ބުނެ ބޮޑު އަގުގައި ވިއްކަމުން ދިޔައީ ސޭލައިން ސޮލިއުޝަން އެވެ. އަދި އެ ހުރިހާ ފޭކް ވެކްސިން ޑޯޒްތައް މިހާރު ވަނީ ހޯދައިފ އެވެ.
ޗައިނާއިން 2019 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ގާނޫނެއްގައިވާ ގޮތުން ފޭކު ވެކްސިން އުފައްދާ، ވިއްކާ މީހުން އެ ވެކްސިން ވިއްކި އަގުގެ 15 އާއި 50 ގުނައާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ފެންވަރު ދަށް ސިއްހީ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކާ މީހުން އެ ތަކެތި ވިއްކި އަގުގެ 10 އާއި 30 ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ޗައިނާއިން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިން މީހުންގެ ގަޔަށް ޖަހަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 24 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފަ އެވެ.
ސައިނޯވެކް އާއި ސައިންފާމްގެ ކޮވިޑް ވެކްސިންއިން ވެސް 78 ޕަސެންޓު މީހުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.