ކޮވިޑް19 ވެކްސިން ޖެހި ނަމަވެސް، ވެކްސިންގެ އަސަރު ކުރަން ވަގުތު ނަގާނެ ކަމަށާއި ފިޔަވަޅުތައް ދޫކޮށްލައިފި ނަމަ ވެކްސިންގެ ހެޔޮ އަސަރު ނުފެންނާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރާއްޖޭގައި "ކޮވިޝީލްޑް" ވެކްސިން ދޭން ފެށީ އިއްޔެ އެވެ. އިއްޔެ 282 މީހަކަށް ވެކްސިން ދީފައި ވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފްތާ ފަހުންނެވެ.

ވެކްސިން ޖެހުން އަވަސްކޮށް، ފިޔަވަޅުތައް ހަރުކަށި ނުކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއަށް ވުރެ ކުރިން ވެކްސިން ދޭން ފެށި ގައުމުތަކުން ވެސް ވެކްސިން ޖެހުން ކުރިއަށް ގެންދަނީ ފިޔަވަޅުތަކުގައި ހިފަހައްޓައިގެން ކަމަށެވެ.

އަދި ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ކުރަން ފަށާނީ ދެ ޑޯޒު ފުރިހަމަކުރުމުން ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރަނގަޅަށް ބޯލަނބަން ޖެހޭނެ ކަމަށާއި ނޫން ނަމަ ހާސިލްކުރަން ބޭނުންވާ ހެޔޮ ނަތީޖާ ނުފެންނާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ވެސް އަމާޒު ހިފާފައި ވަނީ އާބަދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ހާޑް އިމިއުނިޓީ ހާސިލް ކުރުމަށް ކަމަށާއި އެހެން ނަމަވެސް ހާޑް އިމިއުނިޓީ އަށް ދާން ވަގުތު ނަގާނެ ކަމަށެވެ.

ހާޑް އިމިއުނިޓީ އަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.

އަދި އެކަމަށް ގިނަ ބަޔަކަށް އަވަހަށް ވެކްސިން ދޭން ޖެހޭނެ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ވެކްސިން ޖަހަން ފެށުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލެވޭނެ ކަމަށާއި ފިޔަވަޅުތައް ދޫކޮށްލައިފި ނަމަ ވެކްސިން އިން ހޯދަން ބޭނުންވާ ނަތީޖާ ހާސިލް ނުވެދާނެ ކަމަށެވެ.

"އެހެންވީމަ ވެކްސިން ޖަހާފައި ދެން މި އަންނަ މުއްދަތު ވަރަށް މުހިންމު. ކޭސްތައް އިތުރުވަންޏާ ވެކްސިންގެ އިފެކްޓިވްނެސް އެބަ ދަށްވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދިނުމަށް ޑރ. ނަޒްލާ ގޮވާލެއްވި އެވެ. އަދި ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވެސް އެދިވަޑައިގަތެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވާ ނަމަ، ވެކްސިންގެ މަސައްކަތަށް ވެސް ބުރޫ އަރާނެ ކަމަށެވެ. އެއީ ކޭސްތައް އިތުރުވާ ވަރަކަށް، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެ، ފެސިލިޓީތައް ފުރި މުޅި ސިއްހީ ނިޒާމަށް ބުރަވެގެންދާނެތީ އެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށާއި ވެކްސިން ޖެހުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވާން ތިބީ އެއް ބައެއްކަން ޑރ. ނަލްޒާ ފާހަގަކުރެއްވި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު އެޑްމިޓްކޮށްގެން 184 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މިވަގުތު ބަލިޖެހިގައި ތިބި 1807 މީހަކު އެބަތިއްބެވެ.

ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނި ވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ އެކަނި ރާއްޖެ އިން 215 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކު ހިމެނެ އެވެ.

ކޮވިޑް19ގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު އެ ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައެއް ނުވެ އެވެ. މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު އެއް އަހަރު ދުވަހަށް ދެމިހުންނާނެ އެވެ.

ކޮވިޑް19 އާ ދެކޮޅަށް ހާޑް އިމުއިނިޓީ ހާސިލުކުރަން ވެކްސިން ދޭންޖެހޭ އާބާދީގެ ޕަސެންޓް ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެފައެއް ނުވެ އެވެ. ހާޑް އިމުއިނީޓީ ހާސިލުކުރުމަށް ބަލިން ރައްކާތެރިވެފައިވާ އާބާދީގެ ޕަސެންޓް ހުންނަން ޖެހޭ މިންވަރު އެކި ބަލި ބަލީގައި ތަފާތެވެ.

މިފަހުން ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ދިޔުމުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށް، ހަފްލާތަކާއި އެއްވުންތަކާއި ޕާޓީ ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

އަދި ކޭސްތައް އިތުރުވަމުން ދިއުމާ އެކު، ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.