02 Feb 2021, 11:41
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމާއެކު، ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި ކޭސްތައް އިތުރުވަމުންދާ ވަރަކަށް، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށާއި ފެސިލިޓީތައް ފުރި މުޅި ސިއްހީ ނިޒާމަށް ބުރަވެގެންދާނެ ކަމަށެވެ.
"ގިނަ ބަޔަކަށް ވެކްސިން ދެވި، ހާޑް އިމިއުނިޓީއަކަށް ދާން ވަގުތު ނަގާނެ. އެހެންވީމަ އެ މުއްދަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުން ވަރަށް މުހިންމު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން، ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެ ފިޔަވަޅުތައް އާންމުކުރާނެ ކަމަށް ވިދާޅުވި އެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް، ރާއްޖެ އަލުން ލޮކްޑައުން ކުރަން ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިދިޔަ އޯގަސްޓު ހިސާބުގައި ކޮވިޑްގެ ދެވަނަ ރާޅެއް އައިސް ނަންބަރުތައް އެންމެ މަތިވެގެން ދިޔަ އިރުވެސް ބޯޑަރު ބަންދުކޮށްފައި ނުވާނެ ކަމަށެވެ.
އެފަހަރު ވެސް ބަލި ކޮންޓްރޯލްކުރީ ދުވާލުގެ ވަގުތުތަކުގައި މީހުންގެ އާންމު ދިރިއުޅުމަށް މާބޮޑަށް ދަތިނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅައިގެން ކަމަށާއި، މިފަހަރު ވެސް ވިސްނުން ހުރީ އެކަހަލަ ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ.
ދެވަނަ ރާޅާއެކު މާލޭގައި ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެވެ. އެ ފިޔަވަޅުތަކާއެކު ކޮވިޑްގެ ނަންބަރުތައް ދަށަށް ދާން ފެށި އެވެ.
"ނަމަވެސް އަޅުގަނޑުމެން ލޮކްޑައުން އެއް މުޅިން ރޫލް އައުޓް ކުރަނީކީ ނޫން. އަލަށް އަޅާ ފިޔަވަޅުތަކާ އެކު ރަނގަޅު ނަތީޖާ ނުފެންނަ ނަމަ އިތުރަށް ހަރުކަށި ކުރާނެ. އެހިސާބަށް ގޮއްސިއްޔާ އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިފަހުން ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ދިޔުމުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށް، ހަފްލާތަކާއި އެއްވުންތަކާއި ޕާޓީ ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
އިއްޔެ އެކަނި ރާއްޖެއިން 215 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކު ހިމެނެ އެވެ.