ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް ]އެމްއެންއެސްއެލް[ ބަންދު ކުރުމުން ރާއްޖެ އަށް މުދާ ގެނެސްދޭ އަގު ބޮޑުކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭ އެމްއެމްއެސްއެލް އިން ކުރަމުން އައި ވިޔަފާރިތައް ރަސްމީކޮށް ހުއްޓާލުމުން ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ކޮންޓެއިނަރު އުފުލަދެނީ ލިލީ ޝިޕިން އިންނެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެމްއެންއެސްއެލް އިން ކޮންޓެއިނަރު އުފުލައި ދިނުމުގެ ވިޔަފާރި ކުރި އިރު އާންމު ގޮތެއްގައި ކޮލަމްބޯ އިން މާލެ އާ ދެމެދު ކޮންޓެއިނަރެއް އުފުލީ އެވްރެޖްކޮށް 850 ޑޮލަރު ވަރަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ލިލީއިން ކޮންޓެއިނާ އުފުލާ އަގު ބޮޑުވެ ޓެކްސްތަކާ އެކު ކޮންޓެއިނަރެއް މިހާރު އެވްރެޖްކޮށް އުފުލަނީ 1600 ޑޮލަރަށެވެ.

ލީލީ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮންޓެއިނާ އުފުލުމަށް ނަގާ ޓެރިފް ބޮޑުވީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލަށް އައި ބަދަލާއި ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު ރޯމެޓީރިއަލްއަކީ ތެޔޮ. އެގޮތުން ތެލުގެ އަގަށް އައި ބަދަލުން މި ބަދަލު އައީ،" އޮފިޝަލް ވިދާޅުވި އެވެ. އަދިވެސް އޭނާ ވިދާޅުވީ އަންނަ މަހު ވެސް އަގުތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. "ނަމަވެސް އަދި އެގޮތަކަށް ނުއެއް ނިންމާ،"

އަންނަ ޖޫން މަހު އެމްއެންއެސްއެލް މުޅިން ބަންދު ކުރަން ނިންމާފައިވާ އިރު އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރިތަކަށް ހުއްޓުން އައި ހިސާބުން ޓެރިފް ރޭޓްތައް ބޮޑުވުމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރާ ކަމަށާއި އެކަމުގެ އަސަރު މުދަލުގެ އަގަށް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިޔަފާރި ހުއްޓާލީމާ ކޮންޓޭއިނަރު އުފުލައިދޭ ފުރައިޓްގެ އަގު ވަނީ ބޮޑުވެފައި. އެންމެ ބަޔަކު މާކެޓްގައި އުޅެންވީމަ މުދަލުގެ އަގަށް އެއްކަލަ ބަދަލު އަންނާނެ. އޭގެ މާނައަކީ ޑިއުޓީގެ އަގު ކުޑަވިޔަސް މުދަލުގެ އަގަށް އެއްކަލަ ބައި ބޮޑުވާނެ،" ޝަރީފު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ނިންމުމާ އެއްގޮތަށް މިހާރު ނިންމާފައި ވަނީ ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް (އެސްސީއެމް)ގެ ނަމުގައި އާ ޝިޕިން ލައިނެއް އުފެއްދުމަށެވެ. ޝަރީފް ވިދާޅުވީ އާ ކުންފުނީގެ މަގުސަދަކަށް ވާނީ ބޮޑު ފައިދާއެއް ހޯދުން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުރީގައި ވެސް ހުރި އަގަށް ފުރައިޓް ރޭޓްތައް ތިރިކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަސްލު ވެސް އެންމެ ބޮޑު މަގުސަދަކީ ފްރައިޓް ރޭޓްތައް ތިރިކުރުން. ކުންފުނި ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ މީގެން ގެނެވޭ މުދަލުގެ ފްރައިޓް ދައްކޮށްގެން ކާބޯތަކެތި ނުވަތަ އެހެނިހެން ވެސް ރިނިއުބެލް އައިޓަމްގެ އަގު ވީހާ ވެސް ކުޑަ ވޭތޯ މަސައްކަތް ކުރުން. އެއީ އަޅުގަނޑުމެންގެ މެއިން ޓާގެޓަކީ،" ޝަރީފް ވިދާޅުވި އެވެ.
އައު ޝިޕިން ލައިނަކީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އެމްއެންއެސްއެލް ބޭންކުރަޕްޓްވެ ބަންދުކުރަން ޖެހުނީ "މިސް މެނޭޖް މަންޓު"ގެ ސަބަބުން ކަމަށް މިހާރުގެ މެނޭޖް މަންޓުން ތުހުމަތުކުރެ އެވެ.