02 Feb 2021, 13:31
ހުސްވި ޖެނުއަރީ މަހު ރާއްޖެއިން ކޮވިޑް19 އަށް އިތުރު 2156 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް ޑޭޝްބޯޑުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ޖުމްލަ ކޭސްގެ އަދަދަކީ 13،744 އެވެ. ޑިސެމްބަރު މަސް ނިމުނު އިރު އެކްޓިވް ކޭސްގެ ގޮތުގައި 458 މީހަކު ތިބި އިރު، އަހަރު ނިމުނު އިރު 13،238 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޖެނުއަރީ މަސް ނިމުނު އިރު ޖުމްލަ އަދަދު ވަނީ 15،900 އަށް އަރައިފަ އެވެ. ޖެނުއަރީ މަސް ނިމުނު އިރު އެކްޓިވް ކޭސްތައް ވެސް ވަނީ 1724 އަށް އަރައިފަ އެވެ.
އެހެންކަމުން ޖެނުއަރީ މަހު އެކަނި ރާއްޖެއިން 2156 މީހުން ޕޮޒިޓިވްވެފަ އެވެ. ޖެނުއަރީ މަހު ބަލިން ރަނގަޅުވީ 887 މީހުންނެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު، އިއްޔެ ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފަ އެވެ. އަދި ކޭސްތައް އިތުރުވަމުން ދިއުމާ އެކު، ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.