02 Feb 2021, 12:51
ތެހެރާން (ފެބްރުއަރީ 2) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިކުރުވުމަށް މަސައްކަތް ކޮށްދިނުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ޔޫރަޕްގެ އިއްތިޙާދަށް އިލްތިމާސް ކުރައްވައިފި އެވެ.
"ސީއެންއެން" އަށް ދެއްވި ބަސްދިގަތުމެއްގައި ޒަރީފް ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވެ އެ އެއްބަސްވުމާ ޚިލާފަށް އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެމެރިކާ ކަމަށާއި އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެއްބަސްވުމަށް އަލުން އެނބުރި ރުޖޫޢަވުމަކީ ވެސް އެމެރިކާ ކުރަންޖެހޭ ކަމެއްކަމުގަ އެވެ. މިކަމުގައި ޔޫރަޕްގެ އިއްތިޙާދުން އެމެރިކާއާ ވިލަރެސް ކުރުމަށް އީރާން އެދޭކަމަށް ޒަރީފް ވިދާޅުވި އެވެ. ނިއުކްލިޔާ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ވިލަރެސްކުރުމަށް އެއެއްބަސްވުމުން ގުޅިފައިވާ ކޮމިޓީއެއް އުފައްދާފައިވާ އިރު އެކޮމިޓީގެ ކަންތައްތައް ބަލަހައްޓައި ވިލަރެސްކުރާނީ ޔޫރަޕިއަން ޔުނިއަން ގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާކަން ޒަރީފް ފާހަގަ ކުރެއްވި އެވެ.
އެމެރިކާ، އެކަހެރި ގޮތެއްގައި ނިއުކްލިޔާ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ނިއުކްލިޔާ އެއްބަސްވުމުގައި އީރާނަށް ލިބިދޭ ހައްގުތައް ވަނީ ގެއްލިފަ އެވެ. މިހައްގުތައް އަނބުރައި ހޯދުމަށް އީރާން އެދުނީ އެއްބަސްވުމުގެ އެހެން ބައިވެރިންކަމަށްވާ ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ކިބައިންނެވެ.
ނަމަވެސް މި ގައުމުތަކަށް މިކަން ނުކުރެވުމުން އީރާން ދާދިފަހުން ވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް މައްދާތަކާ ޚިލާފުވެފަ އެވެ. މީގެ ތެރޭގައި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ތިން ޕަސެންޓުން 20 ޕަސެންޓާ ހަމައަށް މައްޗަށް ޖެއްސުމާއި ނިއުކްލިޔާ އިތުރު ހަރަކާތްތައް ފެށުމާއި ސެންޓްރިފިއުޖް މެޝިންތައް އަލުން އުފައްދަންފެށުންފަދަ ކަންކަން ހިމެނެ އެވެ.
ސީއެންއެން އަށް ދެއްވި ބަސްދީގަތުމުގައި ޒަރީފް ވަނީ އެމެރިކާ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ފަށާފައިވާ ނިއުކްލިޔާ ހަރަކާތްތައް ހުއްޓާލައި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފަށާނެކަން ކަށަވަރުކޮށް ދެއްވާފަ އެވެ. މިކަމުގައި އީރާނުގެ އެތެރޭގައި ދެބަސްވުމެއްނެތް ކަމަށް ޒަރީފް ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވަން ބޭނުންވާކަމަށް އެމެރިކާގެ އައު ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބްލިންކަން ވަނީ އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި ސަރަހައްދުގެ ގައުމުތަކަށް ނުފޫޒު ހިންގާކަމަށް އެމެރިކާއާއި އިސްރާއީލާއި ސައޫދީ އަރަބިޔާ ކުރާ ތުހުމަތުތަކުގެ މައްސަލަ ވެސް ނިއުކްލިޔާ އެއްބަސްވުމުގައި ފަހުން ހިމެނުމަށްޓަކައި ސަރަހައްދީ މަޝްވަރާތަކެއް ބޭއްވުމަށް އެއްބަސްވުމަށް އީރާނަށް ގޮވާލައްވާފަ އެވެ. މިއީ އިސްރާއީލާއި ސައޫދީ އަރަބިޔާފަދަ އީރާނުގެ ދުޝްމަނުންގެ ފިއްތުންތަކާ ގުޅިގެން ބްލިންކެން ދެއްކެވި ވާހަކަ ތަކެއްކަމަށް އީރާން ސިފަކުރެ އެވެ.
އީރާން ވަނީ މިކަމާ މުޅިން ދެކޮޅު ހަދާފައެވެ. އީރާން ބުނާގޮތުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ސައޫދީ ފަދަ ގައުމުތަކަކީ ވެސް ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގާ ގައުމުތަކެކެވެ. ސަރަހައްދުގައި ހިނގާ ހަނގުރާމަތަކަށް ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. ސަރަހައްދުގެ ގައުމެއްކަމަށްވާ ޔަމަންގެ ހަނގުރާމައިގާ ސައޫދީ އާއި ޔުއޭއީ ސީދާގޮތެއްގައި ޝާމިލްވާއިރު އެހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރު ސައޫދީއާއި ޔޫއޭއީ އަށް ފޯރުކޮށްދެނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކަމަށް އީރާން ބުނެއެވެ.
އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ ވާހަކަ ދައްކާއިރު އެއި އީރާނުގެ ދިފާއީ ޕްރޮގްރާމެއްކަމަށާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އިސްރާއިލާއި ސައޫދީ އަރަބިޔާ އަދި ޔޫއޭއީ ފަދަ ސަރަހައްދުގެ ގައުމުތަކަށް ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދޭއިރު އެކަން ދެނެހުރިކަމަކަށް ނަހަދައި އަދި އިސްރާއީލުގެ ނިއުކްލިޔަ ޕްރޮގްރާމާއި އިސްރާއީލުން އުފައްދާ ހަތިޔާރުގެ މައްސަލައަކީ ވެސް ނެތްކަމަކަށް ހަދަމުން ގެންދާކަމަށް އީރާން ބުނެ އެވެ. އެހެންކަމުން އީރާނުގެ މިސައިލް ޕްރޮގްރާމުގެ ވާހަކަ ދެއްކުމާ އީރާންވަނީ ކަނޑައެޅިގެން ދެކޮޅު ހަދައިފަ އެވެ. އެއީ ދިފާއީ ޕްރޮގްރާމެއްކަމަށް އީރާނުން ބުނެއެވެ.
ސަރަހައްދުގެ ހަމަޖެހުމުގެ ވާހަކަ ދައްކާ ނަމަ އެވާހަކަ ދައްކާނީ ސަރަހައްދުގެ ގައުމުތަކާ އެކަނި ކަމަށާއި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް އޭގެތެރެއަށް ވަންނަން ނުޖެހޭ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވލާތް، ޖަރުމަނު، ޗައިނާ، ރަޝިޔާ މި 6 ގައުމާއެކު 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެމެރިކާ ވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ.
ނަމަވެސް 2016 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައުމާއެކު އެމެރިކާއިންވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އިރާނާދެކޮޅާށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި 2018 ވަނަ އަހަރުގެ މޭ މަހު، އެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެފަ އެވެ. (އަލްޖަޒީރާ)