ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން ފުލުހުންނަށް ސައިކަލުތަކެއް ހަދިޔާކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ލިޓަސްގެ ފަރާތުން ފުލުހުންނަށް ސައިކަލު ހަދިޔާކޮށްފައި ވަނީ އިއްޔެ އެވެ. ލިޓަސްގެ ފަރާތުން ހަދިޔާކޮށްފައި ވަނީ އޯޖޫ ބްރޭންޑްގެ ހަތަރު ސައިކަލެވެ. އަދި އެ ސައިކަލުތަކާ ހަވާލުވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ.

ރާއްޖޭގައި ސައިކަލުގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއަކުން މިގޮތަށް ފުލުހުންނަށް ސައިކަލު ހަދިޔާކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުން ބުނަނީ ފުލުހުންނަކީ މީހުން ކުރާ ކުށްތައް ހުއްޓުވަން އޮންނަ މުއައްސަސާ ކަމަށްވާއިރު ބައެއްގެ ފަރާތުން "ހަދިޔާ" ލިބިގަތުމަކީ ވަކި ބަޔަކަށް ބުރަވާން ހުޅުވޭނެ ދޮރެއް ކަމަށެވެ.

ނޭޝަނަލް ވިސުލްބްލޯވާ ސެންޓަރުގައި ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވާ ފަރާތަކުން ބުނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭސީސީއަށް މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތްތަކުންދޭ މިފަދަ ހަދިޔާ ފުލުހުންގެ މުއައްސަސާއިން ގަބޫލުކުރުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އަދި އެ މައްސަލަ އޭސީސީއަށް ލިބިފައި ނުވާކަމަށެވެ.

ފުލުހުން ބުނީ އެ ސައިކަލުތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ފުލުހުންގެ އެކި މަސައްކަތްތަކުގައި ކަމަށެވެ. ސައިކަލު ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

މީގެކުރިން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް ހަދިޔާ ކޮށްފައިވެ އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ މައި މަރުކަޒު ހުންނަ ޅ.މާފިފިލާފުށީގައި ސިފައިންގެ އިސް ފަރާތްތަކުން ތިބުމަށް ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެހީތެރިކަމާއެކު ވަނީ އެގެޒެކެޓިވް ބުލޮކެއްގެ ބިންގާވެސް އަޅައިފަ އެވެ.

މާފިލާފުށީގައި އަޅާ އެގްޒެކެޓިވް ބްލޮކްގައި ހަ ކޮޓަރި ހިމެނޭނެ އެވެ. އެ އިމާރާތުގެ ހުރިހާ ހަރަދެއް ކުރައްވާނީ ޗަމްޕާ މުހައްމަދު މޫސާ އެވެ.

އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އާންމުންގެ ނުފޫޒު ގަދަ ފަރާތްތަކުން އެކި ނަންނަމުގައި ސަލާމަތީ ހިދުމަތްތަކަށް ދޭ ހަދިޔާތައް އެ މުއައްސަސާތަކުން ގަބޫލުކުރުމުން އެތަންތަން އެ މީހުންގެ ދަށުވެދާނެތީ އެވެ.