އަންހެނަކަސް، ފިރިހެނަކަސް އިސްތަށިގަނޑަކީ ނިކަން ލޯބިން ފަރުވާތެރިކަމާއިއެކު ބަލަހައްޓަންޖެހޭ އެއްޗެެކެވެ. އެއްވެސް ކަމެއްގައި ހައްދުތަކުން ބޭރުވުމަކީ ހައްލަކަށްނުވާއިރު މެދުމިނުގައި އަދި އެކަމުގެ އެންމެ އެކަށޭނަ މިންވަރަކަށް ކުރުމަކީވެސް ބުއްދިވެރިކަމެކެވެ. މިގޮތުން އިސްތަށިގަނޑު ދޮންނައިރު އަވަސް އަރުވާލިޔަސް ނޫނީ ފަރުވާ ކުޑަވިޔަސް މި ކަންކަމަކަށް ސަމާލުކަން ދެވޭތޯ ބަލާށެވެ.

ފުނާއަޅަނީ އިސްތަށިގަނޑު ދޮވުމުގެ ކުރިންތަ ފަހުންތަ؟

އިސްތަށިގަނޑު ދޮވުމުގެ ކުރިން ފުނާ ނާޅާނަމަ އެއީ އިސްތަށިގަނޑަށް ދެވޭނެ ވަރަށްބޮޑު ގެއްލުމެކެވެ. އެއީ އިސްތަށިގަނޑުގެ އެންމެ ނާޒުކު ވަނީ ތެތްކޮށް އޮންނައިރު ކަމަށްވެފައި ގޮށްޖެހުމުގެ ފުރުސަތުވެސް އެންމެ ބޮޑުވާ ވަގުތަކީ މިއީ ކަމުގައިވާތީ އެވެ. އެހެންކަމުން ފެންވަރަން ވަނުމުގެ ކުރިން އަބަދުވެސް ފުނާ އަޅާ ހުރިހާ ގޮށްތައް ފިލުވާލުމަށް ސަމާލުކަން ދޭންޖެހެއެވެ. ނޫނީ ފެންވަރާއިރު ފުުނާއަޅަން ބޭނުންނަމަ ފުރަތަމަ ކޮންޑިޝަނާ ހޭކުމަށްފަހު އަތުން ގޮށްފިލުވާލާށެވެ. އަދި ފެން އެޅުމުގެ ކުރިން ދަތްތައް ބޮޑު ފުނާއަކުން އެއްފަހަރު ނަމަވެސް އަޅާލުންް ރަނގަޅެވެ.

ފުނާތިއަޅަނީ މާ ގިނައިންތަ؟

މާ ގިނައިން ފުނާއެޅުމަކީވެސް އިސްތަށިގަނޑަށް ގެއްލުން ހުރި ކަމެކޭ މީހުން ބުނާތީ އަޑުއިވެ އެވެ. މިއީ ވަރަށް ބޮޑު ތެދެކެވެ. ބޮލުގެ ހަމުން އަބަދުވެސް ގުދުރަތީ ތެޔޮ އުފައްދާދޭއިރު މިއީ އިސްތަށިގަނޑަށް ލިބޭނެ އެންމެ ބޮޑު ކޮންޑިޝަނާކަމަށްވެސް ވެއެވެ. އެހެންކަމުން އަބަދުމެ އަބަދު ބޮލުގައި ފުނާ އެޅުމުގެ ބަދަލުގައި ބޮލުގެ ހަންގަނޑު މަސާޖުކޮށްދީ އިސްތަށިގަނޑުގެ މުލުން ބުޑުތަކާއި ހިސާބަށް ފުނާއަޅަން ސަމާލުކަން ދޭށެވެ.

ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮންނަންތަ؟

ކޮންމެ ދުވަހަކު ޝޭމްޕޫ އާއި ކޮންޑިޝަނާ ލައިގެން އިސްތަށިގަނޑު ދޮންނަނަމަ އެއީ ތި ހީކުރާ ވަރަށްވުރެން ބޮޑު ގެއްލުމެއް އިސްތަށިގަނޑަށް ލިބިދާނެ ކަމެކެވެ. މާ ބޮޑަށް ސާފުތާހިރުވާނެއޭ ހިތާ އަދި މިކަން ކުރިޔަސް، އަސްލު ނަތީޖާއަކީ މީގެ ސަބަބުން އިސްތަށިގަނޑުގެ ދިރުމާއި އުޖާލާކަން ގެއްލިދިއުމެވެ. އަނެއްކާ މިހެން ބުނުމުން ކޮންމެ ދުވަހަކު ފެންވެރުން ހުއްޓާލަންވީކީއެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކު ޝޭމްޕޫ ލުމުގެ ބަދަލުގައި ކޮންމެ ދެދުވަހަކުން އެއް ދުވަހު ޝޭމްޕޫ އަދި ރަނގަޅު ކޮންޑިޝަނިންއެއް ބޭނުން ކޮށްލުން ރަަނގަޅެވެ.

ބޯ ހިއްކަނީ ތުވާލިންތަ؟

ގިނަ ފަހަރަށް އިސްތަށިގަނޑު ސްޓައިލްކުރަން ބޭނުންކުރާ ގިނަ ބާވަތްތަކުގައި ލިޔެފައި އޮންނާނީ ތުވާއްޔަކުން ބޯ ހިއްކުމަށްފަހު ބޭނުންކުރުމަށެވެ. އަވަސް އަރުވާލައިގެން ބޯ ހިއްކާލަން ބޭނުންވެގެން ތުވާލިން ރަނގަޅަށް އިސްތަށީތަކުގައި ހިފަހައްޓާ އޮބަހައްޓައިގެން މާ ބޮޑަށް ތިތަޅުވާ ތެޅުވުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ، އޭގެ ބަދަލުގައި ތުވާލިން ކޮޑަކޮށް ހިއްކާލުމަށްފަހު އަތުން ފުނާއަޅާ އިސްތަށިގަނޑު ހިކެންދެން ބަހައްޓާށެވެ. ގިނައިރުވިޔަސް މިއީ އިސްތަށި ހަލާކުވުމުން ދުރުކޮށްދޭނޭ ކަމެކެވެ.

ހޫނު ސްޓްރެއިޓްނާ ތިޔަ ޖައްސަނީ ތެތް އިސްތަށީގައިތަ؟

ތެތް އިސްތަށިގަނޑާއި ހޫނު ޓޫލްސްތަކާއި މިއީ އެއްވެސް ވަރަކަށް އެއް ވެގެން ނުވާނެ ދޭއްޗެކެވެ. ތެތްކޮށް ހުންނައިރު ހޫނު ޓޫލްސްތައް ޖެއްސުމުން އިސްތަށިގަނޑުގެ ފޮލިކަލްސްތައް ހަލާކުވުމަށް މަގުފަހިވެއެވެ. ކިތަންމެ ލަސްވެގެން އުޅުނަސް، ރަނގަޅަށް އިސްތަށިގަނޑު ނުހިއްކާ ހޫނު ސްޓައިލިން އިކުއިޕްމަންޓެއް ބޭނުން ނުކުރާށެވެ.