ކަރަންޓީންގެ އުސޫލުތަކާ ހިލާފުވެގެން މ. ކޮޅުފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކަރަންޓީން އުސޫލުތަކާ ހިލާފުވެގެން ރޭ 8:15 ހާއިރު ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރު ކުރުމުގެ ކުރިން ނަސޭހަތްތެރިވެ، ހަތަރު ފަހަރަށް ޖޫރިމަނާވެސް ކުރި ކަމަށާއި އޭގެ ފަހުން ވެސް އުސޫލުތަކާ ހިލާފުވުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކޮށްގެން އެކަން ތަހުގީގުކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ ސާމްޕަލް ދިނުމަށްވެސް އޭނާ ދެކޮޅު ހެދި ކަމަށެވެ. އެހެން ނަމަވެސް މަދަނީ ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ސާމްޕަލް މިހާރު ވަނީ ނަގާފަ އެވެ.

ކޮޅުފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ބައްދަލުވި ފަރާތްތަކުގެ ޓެސްޓު ހަދައި، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމުންނެވެ.