01 Feb 2021, 22:04
ރާއްޖެއިން އިތުރު 215 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހުންވެސް ހިމެނެ އެވެ.
މީގެ އިތުރުން ދެން ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި އަށް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ. މިއަދު ޓެސްޓް ކުރީ 4،126 ސާމްޕަލެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 16،056 އަށް އަރައިފައެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 18،07 މީހުން ތިބި އިރު، ހޮސްޕިޓަލުތަކުގައި 184 މީހަކު އެބަތިއްބެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ބަލިންް ރަނގަޅުވީ 51 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ އަކީ 14،190 އެވެ. އަދި ރާއްޖޭގައި ކޮވިޑް ޖެހިގެން 52 މީހަކު ވަނީ މަރުވެފައެވެ.
އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި މިއަދު ވަނީ ދޭން ފަށާފަ އެވެ.
ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.