30 Jan 2012, 14:26
ދަށު ކޯޓުތަކުން ކުރާ އެއްވެސް ހުކުމަކަށް ތަބާ ނުވާނެ ކަމަށާއި އަދި އެ ހުކުމްތައް ސަރުކާރުން ތަންފީޒުކޮށްގެން ވެސް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ނައިބު ރައީސް އަލްހާން، އެ ޕާޓީގެ މައި ހަރުގޭގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާ ނިންމެވުމަކަށް ވެސް އޭނާ "ބޯ ނުލަނބާނެ" ކަމަށެވެ.
އަލްހާންގެ އެ ވާހަކަފުޅު ވަނީ ތަކުރާރުކޮށް ދެ ރެއެއްގެ މަތީން ދައްކަވައިފަ އެވެ.
"ދައުވާ ވެސް ކުރައްވަންވީ، ހުކުމް ވެސް ކުރައްވަންވީ، ހަމަ ގައިމު ވެސް] ދަށު ކޯޓުތަކުން[ ކުރާ ހުކުމެއް އަޅުގަނޑުގެ މައްޗަކަށް މި ރާއްޖެއަކު ދެނެއް ތަންފީޒެއްނުވާނެ. އެ ވަރަށް ސާފު އެއްޗެއް. އެބަ އެނގޭ ޣައިރު ގާނޫނީ ގޮތުން ކޯޓުތަކަށް ވަދެ ތިބި ފަނޑިޔާރުން، ޣައިރު ގާނޫނީ ފަނޑިޔާރުންތަކެއް ކުރާ ހުކުމްތަކެއް ދެނެއް ތަންފީޒެއް ނުވާނެ. އަޅުގަނޑު ރޭ ވެސް ދަންނަވައިފިން އެ އެއް ބަލައެއް ނުގަންނަމޭ. މިރޭ ވެސް ތަކުރާރުކޮށްލަން ބޭނުން އެ އެއް އަޅުގަނޑު ބަލައެއް ނުގަންނާނަމޭ. އަދި މި ރާއްޖޭގެ ގާނޫނީ ސަރުކާރުން އަޅުގަނޑުގެ މައްޗަށް އެފަދަ ހުކުމެއް އެމީހުން ކުރުވައިފިއްޔާ ތަންފީޒްކޮށްގެން ވެސް ނުވާނެ،" ދަށު ކޯޓުތަކުގެ ހުކުމްތަކަށް އިޝާރާތްކޮށް އަލްހާން ވިދާޅުވި އެވެ.
މީގެ އިތުރުން އަލްހާނު ވިދާޅުވީ ފަނޑިޔާރުންގެ އިސްތިއުފާ އަށް ގޮވާލަން ޖެހިއްޖެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއީ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރުން ބައްލަވަންވާ ވަރަށް ނުބެއްލެވުމުން މިއަދު އަޅުގަނޑުމެން ނިކުމެ ހަމަ މަގަށް އަޅުވަން ޖެހުނީމާ އަޅުގަނޑުމެން އެބަޖެހޭ ފަނޑިޔާރުންގެ އިސްތިއުފާ އަށްގޮވާލަން. އެއީ މި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ،" އެނާ ވިދާޅުވި އެވެ.
ދަށު ކޯޓްތަކާއި ސުޕްރީމް ކޯޓު ހަތް ފަނޑިޔާރުން ނިންމާ ނިންމުމަކަށް ވެސް "ބޯނުލަނބާނެ" ކަމަށް ވިދާޅުވެ އަލްހާން ދެއްކި ވާހަކަފުޅުތަކަށް ރައްދުދީ ޑީއާރުޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލްހާނު އެ ވިދާޅުވި ވިދާޅުވުމަކީ ގާނޫނު އަސާސީ ބޮލާލައި ޖެހުން ފަދަ ކަމެއް ކަމަށެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުން މަގާމުގެ ހުވާކުރައްވާފައި ވަނީ ފަނޑިޔާރުންނާ ބެހޭ ގާނޫނު އައުމުގެ ކުރިން ކަމަށާއި އެ ފަނޑިޔާރުން ތިއްބެވީ ޣައިރު ގާނޫނީ ހުވައެއް ކުރައްވައިގެން ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.
އެހެން ނަމަވެސް ދައުލަތުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޖޭއެސްސީ އިން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ