ޓްވިޓާއަކީ އަބަދުވެސް ތަފާތު ވާހަކަތައް އޮންނަ ހޮޅުއަށްޓެކެވެ. މިދިޔަ ހޯމަދުވަހު @NoraNazeer ކޮށްލީ މި ޓްވީޓެވެ.

"ތިޔައީ ކޮން ރަށެއްގެ މީހެއްކަން ރަށުގެ ނަން ނުބުނެ ބުނެބަލާށެވެ."

ފުރަތަމަ ސިކުނޑި ދަނީ ހަމަ ސުމަކަށެވެ. އެހެންނަމަވެސް މި ޓްވީޓަށް މީހުން ދީފައިވާ ރައްދުތައް ކިޔާފައި ހީހީ މީހާ ހަލާކުވާވަރުވެ އެވެ.

ތިޔައީ ކޮން ރަށެއްގެ މީހެއްކަން ރަށުގެ ނަން ނުބުނެ އަޅެ ބުނާނީ ކިހިނެއް ހެއްޔެވެ؟

އެމްއެޗް 370

ދެހާސް ސާދަ ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 އަކީ މުޅި އޭވިއޭޝަން ދާއިރާއަށް ފަހުގެ ތާރީހެއްގައި ލިބުނު އެންމެ ބޮޑު ސިހުމެވެ. އެއާއެކު ދިވެހިންގެ ތާރީހުގައިވެސް ކޮންމެވެސް އެއްގޮތަކަށް ލިޔެވޭ މުހިންމު ވާހަކައެއްވެސް މެއެވެ. އެއީ ރާއްޖޭގެ ރަށެއްގެ ކައިރިން، ކުލަތައް ވަކިވާހާ ތިރިން ދިޔަ ކަމަށް ބުނާ މަތިންދާބޯޓަށް ވީގޮތެއް އަދިއަދަށްދަން ވެސް ނޭގޭއިރު އެމްއެޗް 370ގެމި ހާދިސާއާއި ދިވެހިންނާއި މިވަނީ ވަރަށް ބޮޑަށްވެސް ގުޅިފަ އެވެ. އެހެންކަމުން އެމްއެޗް 370 ފެނުނު ކަމަށް ބުނާ ދ.ކުޑަހުވަދޫ ގެ ނަން މިއަދު މި ފްލައިޓްގެ ނަމުން ނޭގެންވީ ހަމަ އެއްވެސް ސަބަބެއް ނެތްތާ އެވެ.

ހޮނިހިރު ބަތްޕެން

ފަހަރެއްގައި އެއްބަޔަކަށް ނޭގިދާނެ އެވެ. އެކަމަކު މިއީ މި ރަށަށް ހަމަ ހާއްސަ އެއްވަނައިގެ ކެއުމެކެވެ. ރަށަށް އަރައިފި މެހެމާނަކަަށްވެސް މި ބަތްޕެނުގައި ހުރި އަސަރެއް ނޭގި ފުރަން ޖެހިއްޖެނަމަ އަސްލު މި ރަށަށް އާދެވުނު ކަމަކަށްވެސް ނުވާނެ އެވެ. ކޮން ރަށެއްކަން އެނގިއްޖެ ހެއްޔެވެ. މިއީ މަޝްހޫރު ބ. އޭދަފުއްޓެވެ. ރަށުގެ ބައެއް މީހުން ބުނިގޮތުގައި ހޮނިހިރު ބަތްޕެން ކިޔެނީ އެ ރަށުގައި އެއް ހޮނިހިރުގައި ބަތްޕެން ކެއްކުމަށްފަހު އޭގެ ހަފްތާއެއް ފަހުން ނޫނީ ޖެހިގެން އަންނަ ހޮނިހިރުގައި އެ ބަތްޕެން ކެއުމުގެ ތަފާތު ސަގާފަތެއް އޮންނާތީ އެވެ.

ފަންކާ އެނބުރުން

މިއީ ވެސް އެއްބަޔަކު އެމީހުންގެ ރަށުގެ ނަން އަންގައިދިން ގޮތެވެ. ތުންތުންމަތިންް އެކި ގޮތްގޮތަށް މި ވާހަކަ ދެކެވެމުން އާދެއެވެ. އެއްބަޔަކު ބުނާގޮތުގައި ކޮންމެވެސް ޖަލްސާއެއްގައި މީހަކު ފަންކާ އަނބުރަންވެގެން ފަންގިފިލާއަށް އަރާ އޮތްވައި ނިދުނީ އެވެ. މިކަމެއް ހިނގިކަމަށް ބުނަނީ ރައީސް އަމީން ދީދީގެ ދުވަސްވަރު އެ ރަށަށް ކުރެއްވި ހާއްސަ ޒިޔާރަތެއްގައިކަމަށްވެސް ވެއެވެ. ކޮންމެއަކަސް، ގައުމުގެ ރައީސް ވަޑައިގަންނަވާ އެފަދަ ހަފްލާއެއްގައި މިވަރުކަމެއް ހިނގައިފިނަމަ ގައިމުވެސް ގިނަދުވަސްތަކަކަށް އެވާހަކަ ދިގުދެމިގެންދާންވާނެ އެވެ. މިއީ މަޝްހޫރު ހޯރަފުއްޓެވެ.

ހަނދު ރުނބާ

މިއީވެސް ނިކަން ސަޅި ވާހަކައެކެވެ. މި ރަށު ރައްޔިތުން ރަސްކަލަށް ވެދުމަށް ދިނީ ރުނބައެއްގައި ހަނދެވެ. ގަބޫލު ކުރެވިއްޖެ ހެއްޔެވެ. ރަށުގެ ކަމުވޮށިގެންވާ މީހަކާއި ހަވާލާދީ ލިޔެފައިވާ ގޮތުގައި މިއީ ނިކަން ހަނދުވަރު ރަނގަޅު ރެއެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެން ގޮސް ނުފެވިގެން، ރަށަށް އައި މަގުމަތީގައި ދޯނީގެ ފިލާގަނޑު މަތީގައި އިން ރުނބާގެ ފެންގަނޑުގެ ތެރެއަށް ހަނދުގެ އަލިކަން ފެނުނީމަ ރުނބާ އައްސައިގެން އަނބުރާ ރަސްގެފާނުގެ އަރިހަށް ދިއުމުން އެ ރަށު މީހުންނަށް ނިސްބަތްކުރެވޭ އިބާރާތެކެވެ. ކޮންމެއަކަސް މި ވެދުމާއި އެކު ރަށަށް ނުހަނު ގިނަ ފައިދާތަކެއް ލިބުނު ކަމަށްވެސް ވެއެވެ. ދާދިފަހުން އުރީދޫ އިން ރޯދަމަހަށް ތައްޔާރުކުރި ވީޑިއޯއެއްގައިވެސް ވަނީ ކޮންމެވެސް ވަރަކަށް މިވާހަކަ ހައިލައިޓްކޮށްފައެވެ.

މީގެއިތުރުން އެތަށް ބަޔަކު އެ ރަށެއްގެ ނަން ބުނެދިނީ ތަފާތު ބާވަތްތަކުގެ ކާނާއިންނެވެ. މިގޮތުން ކަރާ އިން ތޮއްޑޫ އާއި ބޮނޑިއިން އައްޑޫ ގެ ނަން ބުނެދިން އިރު ބިންބި އާއި، ހިއްޗާއި ބަތާއި ވެސް މި ލިސްޓުގައި ހިމެނުނެވެ. ހަމައެޔާއެކު ނައިފަރުގެ 'ސޭ' އާއި 'ހަވަރު' ނުވަތަ 'ދެކުނު ބަޣާވާތުން' ރަށުގެ ނަން ބުނެދިން މީހުންވެސް ވަކި މަދެއް ނޫނެވެ.

ނުވިތާކަށް އެންމެ މަޖާ އެއްކަމަކީ މިފަހުން ރައްޔިތުންގެ މަޖިލީހުގައި ރަށް ތަމްސީލުކުރި މެންބަރުންނާއި މަޝްހޫރު ސިޔާސީ ނަންތަކުންވެސް މިއަދު އެ ރަށެއްގެ ނަން ނުބުނެ ގިނަ ބަޔަކަށް އެ ރަށް ކިޔައިދެވޭތީ އެވެ.