01 Feb 2021, 17:17
އުރީދޫގެ 'ވިޒިޓް މޯލްޑިވްސް ނައު' ކެމްޕޭނުގެ ދަށުން ކުވައިތުގެ 2.5 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރަން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫ ކުވައިތުން ފެށި މި ހަރަކާތުގެ ދަށުން ރާއްޖޭގައި ދެ މީހަކަށް އޯލް-އިންކްލޫސިވް ސްޓޭއެއް ހޯދުމުގެ ފުރުސަތު އެގައުމުގެ އުރީދޫ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ.
އެ ހަރަކާތުގައި ބައިވެރިވާން ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ އުރީދޫ ކުވައިތުން ތައާރަފުކުރި އެގައުމުގެ ފުރަތަމަ ޑިޖިޓަލް މޮބައިލް ޕްލޭން "އޭއެންއޭ"ގައި ބައިވެރިވުމެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓުކުރަން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭންގެ ދަށުން ދޭ އޮފާ އެކެވެ.
ކުވައިތުގައި 4.2 މިލިއަން މީހުންގެ އާބާދީއެއް އޮންނައިރު، އުރީދޫ ކުވައިތުގެ ކަސްޓަމަރުންގެ އަދަދު އުޅެނީ 2.5 މިލިއަނަށްވުރެ މަތީގަ އެވެ. އެހެންކަމުން މިފަދަ ހަރަކާތަކުން ކުވައިތުގެ އާބާދީގެ ބޮޑު ބަޔަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުރީދޫ މޯލްޑިވްސްއިން ފެށި ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭން ކުރިއަށްގެންދަނީ އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕްއާ ގުޅިގެންނެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދުނިޔޭގެ 10 ގައުމެއްގައި 117 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަަމަރުންގެ މެދުގައި ރާއްޖެ ޕްރޮމޯޓުކުރަން މަސައްކަތް ކުރާނެ އެވެ.