އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި، އެޖެންސީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅުން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއިދާރާ އުފައްދަވާފައި ވަނީ ގާނޫނު ނަންބަރު 2011/15 އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސުކީމްގެ ބޯޑަށް ރައީސް ވަނީ މިއަދު ބޭފުޅުން ހަމަޖައްސަވާފައިފަ އެވެ.

އެބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، ސިއްހަތާ ބެހޭ ވުޒާރާ އިން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީ އިބްރާހީމް ވަހީދެވެ. އަދި އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާލީ ވުޒާރާ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒާ އަލީ ޝަރީފާއި އިންޝުއަރަންސްގެ ދާއިރާ އިން މާފަންނު މަތިދޫ ދީނާ މޫސާ އާއި ސޯޝަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ސަހުދާ އާއި ފައިނޭންސާއި އިންވެސްޓްމަންޓްގެ ދާއިރާ އިން މައްޗަންގޮޅީ ދެދުނބުރިގޭ ހަސަން މަނިކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ އިން ޑައިބެޓިކްސް އެންޑް ކެންސާ ސޮސައިޓީގެ ޑރ. އަބްދުލްމަލިކު އާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސާ މަރިޔަމް ޝަފީގެވެ.