01 Feb 2021, 15:33
ޣައްޒާ (ފެބްރުއަރީ 1) : އިސްރާއީލުން ޣައްޒާއަށް ޖާސޫސު ކުރުމަށްފޮނުވި ޑްރޯން އެއް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަތުލައިގެންފިއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތައް ބުނާގޮތުން އިސްރާއީލުގެ ޑްރޯން އަތުލައިގަތީ ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެޑްރޯން ވައްޓާލުމަށްފަހުގައެވެ. އެޑްރޯން ކުރަމުން ގެންދިޔައީ ޣައްޒާގައިވާ މުޖާހިދުންގެ ޖަމާއަތްތަކުގެ އަސްކަރީ ތަންތަން ފާހަގަކޮށް އެތަންތަނުގެ ލޮކޭޝަން އިސްރާއީލަށް ފޮނުވުމުގެ މަސައްކަތްކަމަށް ބެލެވޭކަމަށާ އެކަން ފަންނީ ގޮތުން ކަށަވަރު ކުރަމުން ގެންދާކަމަށް މުޖާހިދުންގެ ޖަމާއަތްތަކުން ބުނެއެވެ.
އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުންވަނީ ޣައްޒާއަށް ފޮނުވާލި އަސްކަރީ ޑްރޯނެއް ގެއްލިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެޑްރޯންގައިވާ ޖާސޫސީ މައުލޫމާތު މުޖާހިދުންގެ ޖަމާއަތްތަކަށް ލިބުނުނަމަވެސް ކަންބޮޑުވުމެއްނެތްކަމަށް އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
އިސްރާއީލުގެ ސިފައިންނާ ހަވަލާދީ އެގައުމުގެ ވެބްސައިޓެއްކަމަށްވާ "ވާލާ" ބުނާގޮތުން 2020 ވަނައަހަރަކީ ޣައްޒާގެ އަސްކަރީ މައުލޫމާތު ހޯދުމަށްޓަކައި ޖާސުސުކުރުމަށް އިސްރާއީލު ސިފައިން ފޮނުވި ގިނަ ޑްރޯންތަކެއް ފަލަސްތީނު މުޖާހިދުންގެ ޖަމާއަތްތަކުގެ އަތްދަށަށް ދިޔައަހަރެކެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން މީގެބައެއް ޑްރޯންތައް އަތުލައިގަތީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ޑްރޯންތަކުގެ މިސްރާބު ބަދަލުކޮށް އެޑްރޯންތައް ޣައްޒާއަށް ތިރިކުރުވައިގެން ގެންކަމަށާ މިއީ އިސްރާއީލު ވަރަށް ކަންބޮޑުވާކަމެއްކަމަށް އިސްރާއީލުގެ ސިފައިންނާ ހަވަލާދީ އެގައުމުގެ "ވާލާ" ވެބްސައިޓް ބުނެއެވެ. މިގޮތަށް މުޖާހިދުން އަތުލައިގަންނަ ޑްރޯންއަށް ބަދަލުތައް ގެނައުމަށްފަހު އިސްރާއީލަށް ޖާސޫސުކުރުމުގައި ބޭނުންކުރާކަމަށްވެސް އިސްރާއީލުން ޝައްކު ކުރެއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރެއިން ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަކީ ސައިބާ ޓެކްނޮލޮޖީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދެޖަމާއަތެވެ. އަތުލައިގަންނަ އިސްރާއީލުގެ ޑްރޯންގެ ޓެކްނޮލޮޖީ މިދެ ޖަމާއަތުން ކޮޕީކޮށްގެން ޑްރޯން ޓެކްނޮލޮޖީގެ ރިސާޗްތަކާއި ސައިބާ ރީސާޗްތައް އެދެޖަމާއަތުން ތަރައްގީ ކުރާކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަށް އީރާނުންވެސް ސައިބާ ޓެކްނޮލޮޖީ ފޯރުކޮށްދޭކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ. ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވެސް 2017 ވަނައަހަރުން ފެށިގެން ޖާސޫސީ ޑްރޯންތައް އުފައްދައި އިސްރައީލަށް ޖާސޫސުކުރަމުން ގެންދާކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.
2019 ވަނައަހަރު ހަމާސްގެ ޖާސޫސީ ޑްރޯނެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ކައިރިއަށް ވައްޓާލިކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އެ ޑްރޯން ވައްޓާލާފައިވަނީ އިސްރާއީލުގެ އެތެރެއަށްވަދެ 70 ވަރަކަށް ކިލޯމީޓަރު އުދުހުމަށްފަހުގައި ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެއެވެ (ނޫސް އެޖެންސީތައް)