01 Feb 2021, 15:08
ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޔޫކްރެއިންގެ އަންހެނެއް ކަމަށްވާ ވެލެންޓީނާ ރިއާކޯ މަރުވި މައްސަލައިގައި ބަދަލު ހޯދަން އޭނާގެ މަންމަ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ކުރި ދައުވާ އަދި ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ވެލެންޓީނާ ރިއާކޯ މަރުވީ، އެމްޓީސީސީގެ ބަސް ޑްރައިވަރެއް ބަސް ދުއްވަން އިންދާ ނިދިގެން ހިނގި އެކްސިޑެންޓެއްގަ އެވެ. އޭނާ މަރުވީ ހުޅުމާލޭގައި ޖޮގިންއަށް ނުކުމެ އުޅެނިކޮށެވެ. އެ ހާދިސާ ހިނގީ 6 މެއި، 2019ގަ އެވެ.
އޭނާގެ މަރާ ގުޅިގެން 2،702،995 ޑޮލަރުގެ ބަދަލެއް ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރީ އޭނާގެ މަންމަ ވިކްޓޯރިއާ ރިއާކޯ އެވެ. އޭނާ ހުށަހެޅި ދައުވާ އަދި ނުބެލޭނެ ކަމަށް އިއްޔެ ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ، އެކްސިޑެންޓާ ގުޅިގެން ޑްރައވަރަށް ހުޅުމާލޭގައި އުފުލާފައިވާ ޖިނާއީ ދެ ދައުވާއެއް އަދިވެސް ކުރިއަށްދާތީ އެވެ.
ޖިނާއީ މައްސަލަ ކުރިއަށް ދަނިކޮށް، އެ މައްސަލަ ނުނިމެނީސް އެ ކުށާ ގުޅިގެން ބަދަލު ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާކަން ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ހުޅުމާލޭ ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ސިވިލް ކޯޓުގައި ބަދަލު ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމްކޮށްފައިވެ އެވެ.
އެމްޓީސީސީގެ ފަރާތުން އެ މައްސަލައިގައި ބުނެފައި ވަނީ ވެލެންޓީނާގެ މަރުގެ ބަދަލު ހޯދަން އޭނާގެ މަންމައަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އޭނާއަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމާފައިވެ އެވެ.